ޚަބަރު

ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުމަށް ހޯމް މިނިސްޓްރީގައި އެދިއްޖެ


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ހޯމް މިނިސްޓްރީގައި އެދިއްޖެއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންކަމެއް ނުވަތަ އެމަނިކުފާނު ނިސްބަތްވެވަޑައިގަންްނަވާ ޕާޓީ ޕީޕީއެމުންކަމެއް މިނިސްޓްރީއަކުން ހާމައެއް ނުކުރައްވައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވުމަށް ސިޓީއަކުން މިނިސްޓްރީގައި އެދިފައިވާކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އޭސީސީއަށް ނޭގި މި ފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް ބަދަލުކުރައްވާ އެ ފައިސާއިން މަނީ ލޯންޑަރކުރިކަން ވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރުވެސް އަންނަނީ ކޯޓްގައި ހިގަމުންނެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ. ޔާމީންގެ އިތުރުން މި މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.