ޚަބަރު

ބާރަށުގެ 63 އާއިލާއަކަށް "ކެއަރ ޕެކޭޖް"


ކޯވިޑް-19ގެ ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި އޮތް ހއ.ބާރަށުގައި، ދިރިއުޅެމުންދާ އާއިލާތަކަށް ޖެންޑާ މިނިސްޓްރީން "ކެއަރ ޕެކޭޖް" ފޮނުވައި އެހީތެރިކަން ފޯރުކޮށްދީފިއެވެ. "ކެއަރ ޕެކޭޖް"ތައް ފޯރުކޮށްދޭން ފަށާފައިވަނީ ކޯވިޑްގެ ޙާލަތާ ގުޅިގެން ފޯރުކޮށްދޭ އެހީތެރިކަމެއްގެ ގޮތުގައެވެ.

މީގެތެރޭގައި ޚާއްސަ އެޙީއަށް ބޭނުންވާ ކުދިން ދިރިއުޅެމުން އަންނަ އާއިލާތަކާއި، ދާންމަތިވެފައިވާ މީހުންނަށް އެހީތެރިކަން ދިނުމާއި، އަދި ޙާލަތާ ގުޅިގެން ޒަރޫރީ ތަކެތި ހޯދުމުގައި މާލީގޮތުން ދަތިވެފައިވާ އާއިލާތަކަށްވެސްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑ ސޯޝަލް ސަރވިސެސްއިން ވިދާޅުވީ ހއ.ބާރަށުގެ 63 އާއިލާއަކަށް "ކެއަރ ޕެކޭޖް" ފޮނުވާ އެހީތެރިކަން ދީފައިވާކަމަށެވެ. މި އެހީގައި ފޮނުވާފައިވަނީ ކެއިން ބުއިމަށް ބޭނުންވާ ޒަރޫރީ ބާވަތްތަކެވެ.

ހއ.ބާރަށުން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނައީ މިމަހުގެ 1ވަނަ ދުވަހުއެވެ. ފުރަތަމަ ޕޮޒިޓިވްވީ ރަށަށް ދަތުރުކޮށް ކަރަންޓީންގައި ތިބި 9 މީހުން ނަމަވެސް، އެމީހުން ރަށުގެ ބައެއް މީހުންނާ ބައްދަލުވެ ބޮޑު ކްލަސްޓަރއެއް އެރަށުގައި ވަނީ އުފެދިފައެވެ. މިހާތަނަށް އެރަށުން 30އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ކެއަރ ޕެކޭޖް ފޮނުވާ ބާރަށުގެ 63 އާއިލާއަކަށް އެހީތެރިވެފައިވާއިރު، އެހީ ބޭނުންވާ އިތުރު އާއިލާތައް ރަށުގައި ތިބިތޯ ދެނެގަނެ އެ އާއިލާތަކަށްވެސް އެހީވުމަށް މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.

ކޯވިޑްގެ ޙާލާތާ ގުޅިގެން މިހާތަނަށް ޖެންޑަރ މިނިސްޓްރީއިން 7 ރަށަކަށް "ކެއަރ ޕެކޭޖް" ފޮނުވާފައިވެއެވެ. އެއީ ހއ.ބާރަށާ، މ.ކޮޅުފުއްޓާ، ހދ.ކުޅުދުއްފުއްޓާ، ގއ.ދާންދޫ، ގއ.ދެއްވަދޫ އަދި ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީގެ އާއިލާތަކެއެވެ.

ކޯވިޑްގެ ޙާލަތާގުޅިގެން ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ އާއިލާތަކުން ޖެންޑަރ މިނިސްޓްރީގެ ހޮޓްލައިން 1421 އާ މަޢުލޫމާތު ޙިއްސާކުރަމުން ދިއުމަށްވެސް މިނިސްޓްރީއިން އެދެއެވެ.