ވިޔަފާރި

3 ވަނަ ކުއާޓަރުގައި ގަން އެއަރޕޯޓް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ: ފައްޔާޒް


ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީ ރިޕޯޓް ހެދުމަށްޓަކައި މިމަހުގެ ފަހުކޮޅު އިންޑިއާގެ ކޮންސަލްޓެންޓު އައްޑޫއަށް ޒިޔާރަތްކުރާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި އައްޑޫ ސިޓީއަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓުން ހިންގާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢޫ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ފީސިބިލިޓީ ރިޕޯޓަށްފަހު ދެން ހުރި މަސައްކަތްތައް ނިމި މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކުރެވޭނެކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

"މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވެނީ، އޭރުން އައްޑޫ އިންޓަރނޭޝަނަލް އެއރޕޯޓުގައި މިހާރު ހުރި ހުރިހާ މައްސަލަތަކެއް ނިމި، އިޤްތިސާދީ ނާރެސް ވަރުގަދަކުރުމަށްޓަކައި، ހާއްސަކޮށް ޓޫރިޒަމް ވަރުގަދަ ކުރުމަށްޓަކައި އެއަރޕޯޓް ހަދަން ޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީވެގެން ދިޔުމުން އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށެވެ.

" އެއަރޕޯޓް ހެދުމުން ޕްރައިވެޓް ސެކްޓަރއިން އިންވެސްޓްކުރާނެ ކަމަށް، އެނދު އިތުރުވާނެ ކަމަށް އަޅުގަނޑޫމެން މި ބަލަނީ، އަދި އެއާއެކު އެނދުތައް އިތުރުވުމަކީ އެއަރޕޯޓްގެވެސް ކާމިޔާބީ، މިއީ ބިސްތޯ ކުކުޅުތޯ ދޮށީ ކަހަލަ ސިޓުއޭޝަނެއް، ސަރުކާރުން މި ގަސްދުކުރީ އެ ރިސްކު ނަގައިގެން އެއަރޕޯޓަށް ހަރަދުކުރަން" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އައްޑޫސިޓީގެ އިތުރުން ކައިރި އަތޮޅުތަކުގެ ތަރައްޤީއަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނޭ އެއް މަޝްރޫޢުއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީގެ މަޝްރޫއު ނިމުމާއެކު، ދެކުނުގެ އަތޮޅުތަކުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ދަތިތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.