މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރާމްކޯއަށް ލިބުނު ފައިދާ 44.4 އިންސައްތަ ދަށަށް ގޮސްފިއެވެ.
ސައުދީ އަރަބިއްޔާގެ އަރާމްކޯއަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައި މިވަނީ ކޯވިޑާއި ގުޅިގެން ތެލަށް އޮންނަ ޑިމާންޑްވެސް މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ސައުދީގެ ތެޔޮ ކުންފުނި އަރާމްކޯއިން އާއްމުކޮށްފައިވާ ތަފްސީލްތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 49 ބިލިއަން ޑޮލަރެވެ. މިއީ އޭގެކުރީ އަހަރު ލިބުނު 88.2 ބިލިއަން ޑޮލަރުގެ ފައިދާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ކޯވިޑާއެކު ކުރިމަތިވި ގެއްލުމާއި އަދި އޭގެކުރިން ތެލުގެ އަގު ދަށްވުމުގެ ސަބަބުން މިދިޔަ އަހަރަކީ ގިނަ ދަތިތަކެއް ކުރިމަތިވި އަހަރެއްގެ ގޮތުގައި އަރާމްކޯއިން ސިފަކުރެއެވެ.
އަރާމްކޯއިން ލިބުނު ފައިދާ ދަށްވިނަމަވެސް ހިއްސާދާރުންނަށް ބެހުމަށް ޑިވިޑެންޑްގެ ގޮތުގައި 75 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް އެކުންފުނިން ބުނެއެވެ.
އަރާމްކޯއަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު، މިދިޔަ އަހަރު ކުންފުނީގެ ހިންގުމަށް ވަނީ 27 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އަދި އެކުންފުނީގެ މިއަހަރުގެ ޚަރަދުތައް ވަނީ 45 ބިލިއަން ޑޮލަރުން 35 ބިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.
އަރާމްކޯއިން ބުނާގޮތުން ތެލުގެ ވިޔަފާރި މަޑުމަޑުން އަނެއްކާވެސް ރަނގަޅުވާން ފަށާފައިވާކަމަށެވެ. އެގޮތުން ބޮޑެތި އިޤްތިޞާދުތައް އަލުން ހިނގައިގަނެ ތެލަށް އޮންނަ ޑިމާންޑް އުފުލެމުން އަންނަ މަންޒަރު ފެންނަމުންދާކަމަށް އަރާމްކޯގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި މިއަހަރު ނިމޭ ހިސާބު ތެލަށް އޮންނަ ޑިމާންޑް ދުވާލަކު 99 މިލިއަން ފީފީއަށް އަރާނެކަމަށްވެސް އަރާމްކޯގެ އޮފިޝަލުން ޤަބޫލުކުރެއެވެ.
ތެލަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ތެލުގެ އަގުވެސް ދަނީ މަޑުމަޑުން އުފުލެމުންނެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް ވަނީ އަރާފައެވެ.