ޚަބަރު

ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ ލިސްޓު އާއްމުކޮށް، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފި


އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8000 މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އާންމު ކުރުމަށްފަހުއެވެ. ކޮމިޝަނުން ބުނެފައިވަނީ މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ، މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ނުވަތަ ރަށަށް ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް މާދަމާގެ ނިޔަލަށް ހުޅުވާލާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.

މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ބައެއް ކެނޑިޑޭޓުންނަން ނެގުމާއި އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވުމުން ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުންނަށް ވޯޓަކާއި ނުލާ ގޮނޑިވަނީ ކަށަވަރުވެފައެވެ. އޭގެތެރޭގައި 21 ގޮނޑި ވެރިކަންކުރާ އެމްޑީޕީއަށް ލިބުނުއިރު އަނެއް ގޮނޑިތައް ކަށަވަރުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނެވެ.