ޚަބަރު

ސިފައިންގެ ފްލެޓްތައް އަތުލަން އުޅޭކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގެއް - މިނިސްޓަރ މާރިޔާ


ސިފައިންގެ ފްލެޓްތައް އަތުލަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ދޮގުކުރައްވައިފިއެވެ.

ހިޔާ މަޝްރޫޢުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ކެޓަގަރީ އުވާލަން މަސައްކަތްކުރާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާގުޅިގެން މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ވާހަކަތަކަކީ ހަމަ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއްކަމަށެވެ. އަދި ސިފައިންނަށް ލިބޭ 300 ފްލެޓްގެ ފޯމުތައް އެ މިނިސްޓްރީން ދިރާސާކޮށް އިންޓަރވިއުވެސް ކޮށްފައިވާކަން ޚުދު ސިފައިންނަށް އެނގޭނެކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.


ހިޔާ މަޝްރޫޢުގެ ތެރެއިން ސިފައިންގެ ފްލެޓްތައް އަތުލަން އުޅޭކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ޑިފެންސް މިނިސްޓަރ ދޮގުކުރައްވާފައިވާއިރު، ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްފައިވާ ފްލެޓްތައް ރީ-އެލޮކޭޓްކުރަން ނުވަތަ އިތުރުބަޔަކަށް ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށެވެ. އަދި މިއީ އާއްމުންގެ މެދުގައި ނުތަނަވަސްކަން ފެތުރުމަށް ދައްކާ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


ހިޔާ މަޝްރޫޢުގެ 6،720 ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން މިހާރު ވަނީ އެކުލަވާލެވިފައެވެ.

ހިޔާ މަޝްރޫޢުގެ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށްފައިވާނީ، 24 އޮގަސްޓު 2020 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 'ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް، ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާގުޅޭ' ގޮތުން ނެރެފައިވާ އިއުލާންގައި ކަނޑައަޅާފައިވާ އެލޮކޭޝަންއާ އެއްގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ފަށްޓަވާނެކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ ކުރިން އެ މިނިސްޓްރީން ނިންމަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، މި މަސައްކަތުގެ ދަށުން އެގްރީމަންޓް ހެދުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.