ސިޔާސީ

އެމްޑީޕީއަކީ ޒިންމާދާރު ބައެއްނޫންކަން ހާމަވެއްޖެ- ޢަބްދުއްރަޙީމް


ގައުމަށްއޮތް އެންމެ ބޮޑު ބިރަކީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުކަމަށް ވިދާޅުވި ބަޔަކު، އަދީބު އެމަޤާމުން ދުރުކުރުމަށް ފުރުސަތުލިބުމުން އެވޯޓުގައި ބައިވެރި ނުވުމުން، އެމްޑީޕީއަކީ ޒިންމާދާރު ބައެއް ނޫންކަން ހާމަވެގެން ހިނގައްޖެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، މިހާތަނަށް އެމްޑީޕީން އަބަދުވެސް އައީ އަދީބުގެ ގޯސް ވާހަކަ ދައްކަމުން ކަމަށާއި، ގައުމަށް ހުރިހާވެސް ގޯހަކީ އަދީބުކަމަށް ވިދާޅުވި ބަޔަކަށް އަދީބު ދުރުކުރަން ފުރުސަތު ލިބުމުން ބައިވެރިވާން ނުކެރުނުކަމަށެވެ. ޢަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު އެމްޑީޕީ ޒިންމާދާރުނަމަ އަދީބު ދުރުކުރުމަށް ވޯޓު ދިނީސްކަމަށާއި، އަދީބު މަޤާމުން ދުރުކުރުމަށް ދިން ވޯޓަކީ ސިޔާސީ ވޯޓެއް ނޫންކަމަށެވެ. މިއީ، ގައުމީ ވޯޓެއްކަމަށާއި ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު އަވަހާރަކޮށްލުމަށް ހަމަލާ ދިނުމަކީ ސިޔާސީ ކަމެއްނޫންކަމަށެވެ. އެހެންކަމުން އެމްޑީޕީއަކީ ޤައުމަށް ވަފާތެރިބައެއް ނަމަ އެންމެން އެކައެއްޗެއް ކިޔައިގެން ޤައުމު މިއޮތް ހާލަތުން ރަނގަޅު ޙާލަތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރީސްކަމަށާއި، ޒިންމާދާރު އިދިކޮޅު ފަރާތްތަކުގެ މަސްއޫލިއްޔަތަކީ އެއީކަމަށް ވިދާޅުވިއެވެ.މިކަން ނުކޮށް، އެމްޑީޕީން ވިސްނީ ސިޔާސީ ވިސްނުމުގައި ވާހަކަ ދައްކަންކަމަށާއި، އެއީ އެއްވެސް އިރެއްގައި ޤައުމުގެ ތަރައްގީއަށް ހެޔޮ އެދޭ، ޒިންމާދާރު އަދި ރައްޔިތުންނަށް ތެދުވެރި ބައެއް ނޫންކަމަށާއި، ޤައުމަށް ވަފާތެރިބައެއްވެސް ނޫންކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.ސަރުކާރުގެ ދެއަހަރު ތެރޭގައި ދެ ނާއިބު ރައީސުން މަޤާމުން ދުރުކުރުމަކުން ސަރުކާރަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބަދަހިކަން ލިބި ރައްޔިތުންގެ ތާއީދު އިތުރުވާނެކަމަށާއި، ސަބަބަކީ މިކަމުން ރައްޔިތުންނަށް ލިބޭ ޔަޤީންކަމަކީ، ރައީސް އަބްދުﷲ ޔާމީނަކީ، ފިޔަވަޅެއް އަޅުއްވަން ޖެހިވަޑައިގެންފިނަމަ ކޮންމެ ބޭފުޅަކާމެދުވެސް އެއަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅު އަޅުއްވާނެ އަދި ފަސްޖެހިވަޑައި ނުގަންނަވާނެ ލީޑަރެއްކަން ކަމަށެވެ. އަދި ޤާނޫނަށް އަމަލުކުރުމުގައި އެއްވެސް ރައްޔިތެއް ތަފާތެއް ނުކުރާނެކަން އެނގިގެން ހިނގައްޖެކަމަށް ވިދާޅުވިއެވެ.ޢަބްދުއްރަހީމް ވަނީ ސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ. ސަރުކާރުން އަބަދުވެސް އަމަލުކުރައްވާނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.