ވިޔަފާރި

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް


މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 24 ވަނަ ދުވަހު ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ވަނީ 64059 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް އިންޑިއިން ޒިޔާރަތްކުރި 62960 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 1.7 އިންސައްތަ އިތުރު އަދަދެކެވެ.

މިހާރު ރާއްޖެއަަށް އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. މިއާއެކު ސަރުކާރުން ދަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުުރު ކުރުމަށް މަސައްކަތްކުރަމުންނެވެ.

ސަރުކާރުން ވަނީ އަހަރު ނިމޭއިރު އިންޑިއާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށްވަނީ 58679 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫކްރެއިންއިންނެވެ. އެޤައުމުން މިހާތަނަށް 16915 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 269504 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 92103 ފަތުރުވެރިންނާއި، ފެބްރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި 96882 ފަތުރުވެރިން އަދި މިމަހުގެ މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 59542 ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 3355 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އާއްމުކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.