ޚަބަރު

5 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި


އިތުރު 5 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މ.މުލައް، ވ.ރަކީދޫ، ރ.ފައިނު، ރ.ރަސްމާދޫ އަދި ބ.ތުޅާދޫގައެވެ. މިމަޝްރޫޢުތައް ޙަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ. އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.

ގޮންޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާ ރަށްރަށުގެ ތަފްޞީލް

މ. މުލަށް

މި މަޝްރޫޢުއަކީ 17.66 މިލއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 411.90 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު 105 ދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.

ވ. ރަކީދޫ

މި މަޝްރޫޢުއަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަކީ 105 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މިވަގުތު މި މަޝްރޫޢުގެ އީ.އައި.އޭގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެމަސައްކަތް އަންނަމަހުގެ ތެރޭ ނިންމާލެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ރ. ފައިނު

މި މަޝްރޫޢުއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަކީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

ބ. ތުޅާދޫ

މި މަޝްރޫޢަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަކީ 150 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

ރ. ރަސްމާދޫ

މި މަޝްރޫޢުއަކީ 11.68 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 336 ީމޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުއަކީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ ަމޝްރޫއުއެކެވެ.

މި މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދާއިރާތައް ތަމްޞީލް ކުރައްވާ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.