ޚަބަރު

އޮކްޓޫބަރު، ނޮވެމްބަރުގައި އޭލެވެލް ހަދާ ކުދިންނަށްވެސް ގަދަ 10އަކަށް ވާދަކުރެވޭނެ


އޭލެވެލް އިމްތިޙާނުގެ ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ދިނުމުގައި އޭޕްރީލް މަހާއި މެއި މަހުގައި އޮންނަ އިމްތިޙާނުގެ ނަތީޖާއަށް ބަލާގޮތަށް ނިންމި ނިންމުން ބާޠިލްކޮށްފިއެވެ. މި ނިންމުން ބާޠިލުކޮށްފައިވަނީ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

އެއުޞޫލް ބާޠިލްކޮށްފައިވާކަން ހާމަކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ކުރެއްވި ޓުވީޓެއްގައި ވަނީ އޭލެވެލް އިމްތިޙާނު ބާއްވާ ތާރީޚަށް ގެނައި ބަދަލާއެކު ދަރިވަރުންގެ މެދުގައި ވަރަށްބޮޑަށް ނުތަނަވަސްކަން އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މިދަނޑިވަޅުގައި ދަރިވަރުންގެ އަޑުއެހުމަކީ މުހިންމު ކަމެއްކަމަށާ، ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ގަދަ 10އަށް ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ދިނުމުގައި ބަލާނެ މިންގަނޑު މުރާޖަޢާކޮށްފައިވާކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ އޭޕްރީލްމަހާއި މެއިމަހުގެ އިމްތިޙާނުގެ އިތުރަށް އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހުގައި އޮންނަ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށްވެސް ގަދަ 10އާއި ސްކޮލަރޝިޕްތަކަށް ވާދަކުރެވޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދަރިވަރުން އިމްތިހާނު ހަދަން ބޭނުންވާ ދުވަސްވަރު ދެނެގަތުމަށް، ދަރިވަރުންގެ ޚިޔާލު ހޯދުމަށް ސްކޫލުތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހުގައި ބާއްވާ އޭލެވެލްއާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން އޮކްޓޫބަރާއި ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ މެއިމަހާއި ޖޫންމަހުގައި ކުރިން ބާއްވަން ނިންމި އިމްތިޙާން އަންނަމަހުގެ 26ގައި ބޭއްވުމަށް އެޑެކްސެލްއިން ނިންމުމާ ގުޅިގެންނެވެ.

ފޯމު އަނބުރާ ނެގޭނީ އޭލެވެލްގެ މާއްދާތަކުން އެކަނި ކަމަށާއި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިޙާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ރާއްޖޭގައި ހަދާ އޭލެވެލްއާއި އޭ.އެސް ލެވެލް އިމްތިޙާނުތަކުގެ ތާވަލަށް އެޑެކްސެލުން ބަދަލު ގެނެސްފައިވުމާއެކު މިހާރު އެއިމްތިޙާނު ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 26ވަނަ ދުވަހުއެވެ. އޭލެވެލް އިމްތިޙާނު ބާވާ ތާރީޚަށް ބަދަލު ގެނައުމާގުޅިގެން އެޗްއެސްސީ އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާން ނިމޭތާ އެއްމަސް ފަހުންނެވެ. މިގޮތުން ޖޫންމަހުގެ 13އިން 17އަށް އެޗް.އެސްސީ އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.