ޚަބަރު

ހާލުގައި ޖެހުނު ބޭރުގެ ޔޮޓަކަށް އެހީތެރިކަން ފޯރުކޮށްދީފި


ސީޝެލްސްއިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިންގ ޔޮޓް "ލަގާން" ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ އިރުން 26 ނޯޓިކަލް މޭލު ބޭރުން މި ޔޮޓް ހާލުގައި ޖެހިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:55 ގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ޔޮޓް ހާލުގައި ޖެހުނު ސަރަހައްދުން ދަތުރުކުރި އާގު ބޯޓެއް ކަމުގައިވާ "އެކޯސަވާނާ" އާއި އިޓަލީގެ އެމްއާރުސީސީ ރޯމާއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން މިޔޮޓު ވަނީ ސަލާމަތްކޮށްފައެވެ. އަދި މިޔޮޓް ރައްކާތެރިކަމާއެކު ގއ. ވިލިނގިލީ ބަނދަރަށް ވައްދާފައިވާއިރު މި ޔޮޓުން ދަތުރުކުރި ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.