ވިޔަފާރި

އެމްއައިބީން ވިސާ ޑެބިޓް ކާޑު ތައާރަފްކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ވިސާ ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ.

އެމްއައިބީން ވިދާޅުވީ މި ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބެހެއްޓިފައިވާ ވިސާ ޤަބޫލްކުރާ ޕީއޯއެސް އާއި އޭޓީއެމް މެޝިންތަކުން ޚިދުމަތް ލިބޭނެ ކަމަށެވެ.

އެމްއައިބީން ތަޢާރަފްކޮށްފައިވަނީ ވިސާ ޕްލެޓިނަމް އާއި ވިސާ ގޯލްޑް ޑެބިޓް ކާޑެވެ. އެމްއައިބީން މީގެ ކުރިން ދޫކޮށްފައިވާ ކާޑުތަކަށް ޚިދުމަތް ލިބެނީ އެމްއައިބީގެ ޕީއޯއެސް އާއި އޭޓީއެމް މެޝިންތަކުން އެކަންޏެވެ.

އެމްއައިބީން ވިދާޅުވީ ވިސާ ކާޑު މިހާރު ތަޢާރަފްކޮށްފައިވަނީ ހަމައެކަނި ރާއްޖެއަށް ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރުގައިވެސް މި ކާޑު ބޭނުންކުރެވޭގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ.

ގޯލްޑް ކާޑާއެކު އެމްއައިބީއިން ވަނީ އެވްރީޑޭ ބެނެފިޓްސްގެ ނަމުގައި ޑިސްކައުންޓު ސްކީމެއްވެސް ތަޢާރަފްކޮށްފައެވެ. މި ސްކީމްގެ ދަށުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެމްއައިބީން ހާމަކުރެއެވެ.