ޚަބަރު

މިފަހަރުގެ އިންތިޚާބުގައި މާލޭގެ 3 ސަރަހައްދެއްގައި ޓެންޓުޖަހައިގެން 40 މަރުކަޒު


މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދެފަހަރެއްގެ މަތިން ފަސްކުރަންޖެހުނު ކައުންސިލް އިންތިޚާބުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީ އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ. ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން މާލެ ސަރަހައްދުގައި ވޯޓުލުމަށް އިތުރު މަރުކަޒު ގާއިމްކުރުމުގެ މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މާލޭގެ 3 ސަރަހައްދެއްގައި ޓެންޓު ޖަހައިގެން ވޯޓުލާ މަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޓެންޓު ޖަހައިގެން ވޯޓުލާ މަރުކަޒު ބެހެއްޓުމަށް ހަމަޖެހިފައިވަނީ މިފްކޯ ކުރިމަތީ އޮންނަ ޔޫތު މިނިސްޓްރީ ހުސްބިމުގައި 30 މަރުކަޒު، ކުރީގެ ދަރުމަވަންތަ ސްކޫލު ގޯތި ތެރޭގައި 5 މަރުކަޒު، ކާނިވާ ސްޓޭޖް ކުރިމަތީގައި 5 މަރުކަޒެވެ. ނަމަވެސް މިމަރުކަޒުތަކަށް ވޯޓުލާނީ ކޮން ދާއިރާތަކެއްގެ މީހުން ކަމެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވޯޓުލާ މަރުކަޒު ތަކަށް ގެނެވުނު ބަދަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށްކަމަށެވެ. ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމައްޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި އަދި އެއައްވުރެ އަދަދު މަދުކޮށްފައިވާނެކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.