ޚަބަރު

ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ނިމުމަކަށް


ކޯވިޑް-19 އާއި ގުޅިގެން ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިމުމަކަށް ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައިދުރުކޮށް ނަމާދު ކުރުމަށް ނިންމާފައިވާ ނިންމުން މިއަދުގެ މަޣުރިބު ނަމާދަށްފަހު ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި މިއަދުގެ މަޢުރިބު ނަމާދުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރާނީ ޖަމާއަތުގައި ކައިރި ކައިރީ ތިބެގެންނެވެ.

ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމަވައިފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ނަމާދު ގައިދުރުކޮށް ކުރުމަށް ނިންމި ނިންމުމާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެސް ވެފައިވެއެވެ. ނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލީހުންވެސް މިހާލަތުގައި ގައިދުރުކޮށް ނަމާދު ކުރެވިދާނެކަމަށްވަނީ ބުނެފައެވެ.

ކޯވިޑް-19ގެ ކޭސްތައް މާލެސަރަހައްދުގައި ފެންނަން ފެށުމާ ގުޅިގެން ނިމިދިޔަ ރޯދަމަހު ތަރާވީހު ނަމާދު ޖަމާޢަތުގައި ނުކުރެވުނު ނަމަވެސް މިއަހަރުގެ ރަމަޟާންމަހު މާލޭގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ޖަމާއަތުގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.