ޚަބަރު

ދެވަނަ ޑޯޒް މާދަމާ ޖަހާނީ ފެބްރުއަރީ 1 އިން 4އާއި ދެމެދު ވެކްސިން ޖެހި މީހުންނަށް


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މާދަމާ ދޭން ފަށާއިރު، މާދަމާ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް19އިގެ ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.

މާދަމާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށަން ނިންމާފައިވާއިރު، ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ. ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑާއި، އައި.ޑީ ކާޑް/ޕާސްޕޯޓް/ލައިސަންސް ކާޑް ގެނައުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ ދެލައްކަ ސާޅީސް ހާސް ހަތްސަތޭކަ ހަތްދިހަ ތިން މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މާދަމާ ފަށާއިރު ޗައިނާގެ ސިނޯފާމް ވެކްސިންވެސް މަރޗް 22 ވަނަ ދުވަހު ރާއްޖޭގައިވަނީ ދޭން ފަށާފައެވެ. ސިނޯފާމް ވެކްސިން މިހާތަނަށް ދޭން ފަށާފައިވަނީ މާލެ ސަރަޙައްދުގައި އެކަންޏެވެ. ސިނޯފާމް ވެކްސިން ފުރިހަމަކުރެވޭނީ ދެ ޑޯޒް ޖެހުމުންނެވެ. ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުންނެވެ.

ކޮވިޝީލްޑްއާއި ސިނޯފާމް ވެކްސިންގެ އިތުރުން ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފެށުމަށްވެސް ތައްޔާރުވެފައިވާ ކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ. ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، އެގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.