ހުސްވި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބެހުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ނިންމައިފިއެވެ.
ބީއެމްއެލްއިން ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ބޯޑުން ނިންމި ނަމަވެސް މިކަމާއި މެދު ގޮތެއް ނިންމާ ހިއްސާ ފާސްކުރުން އޮންނާނީ ބީއެމްއެލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
ކޯވިޑް-19 އިގެ ސަބަބުން ބީއެމްއެލްއަށް ލިބުނު އާމްދަނީވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބިއެމްއެލްއަށް ލިބިފައިވަނީ 325 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެކެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެފައިވަނީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޯވިޑް-19 އިގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަރަށް ބޮޑަަށް ދަށްވެފައިވާ ކަމަށެވެ. އަދި މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު އެ ބޭންކުންވެސް ގަދައަޅައި މަސައްކަތްކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.
"މިދަތި އުނދަގޫ ދަނޑިވަޅުގައިވެސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.
ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.
2019ވަނަ އަހަރު ބީއެމްއެލްއިން ވަނީ 139 މިލިއަން ރުފިޔާ ހިއްސާގެ ގޮތުގައި ބަހާފައެވެ.
އެއަހަރު ހިއްސާއަކަށް ބީއެމްއެލްއިން ބަހާފައިވަނީ 26 ރުފިޔާއެވެ. ބީއެމްއެލްގެ މައިގަނޑު ހިއްސާދާރުންނަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. 33.7 އިންސައްތަ ހިއްސާއަކީ އާންމު ހިއްސާދާރުންގެ ހިއްސާއެވެ.