ކޯވިޑް-19

ތުލުސްދޫ ރައްޔިތުންގެ ފަރާތުން ދިއްފުށްޓާއި ހުރާގެ ރައްޔިތުންނަށް އެހީގެ ތަކެތި ހަދިޔާކޮށްފި


ތުލުސްދޫ ރައްޔިތުންގެ ފަރާތުން ދިއްފުށްޓާއި ހުރާގެ ރައްޔިތުންނަށް އެހީގެ ތަކެތި ހަދިޔާކޮށްފިއެވެ.

ތުލުސްދޫ ރައްޔިތުންގެ ފަރާތުން މިތަކެތި ހަދިޔާކޮށްފައިވަނީ ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން، އެ ދެރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާތީ، އެ ދެ ރަށުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންކަމަށް ތުލުސްދޫ ކައުންސިލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތުލުސްދޫ ކައުންސިލުންގެ ރައީސް އަޙްމަދު އަނީސް ވިދާޅުވީ، ދިއްފުށްޓާއި ހުރާގެ ރައްޔިތުންނަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ތުލުސްދޫ ރައްޔިތުންނާއި ރަށުގެ އެކި މުއައްސަސާތަކާއި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރި ތަކެއްޗާއި، ކައުންސިލުގެ ޚަރަދުގައި ހޯދި ބައެއް ތަކެތިވެސް ހިމެނޭކަމަށެވެ. އޭގެ ތެރޭގައި ބޯފެނާއި ކާޑުގެ ބާވަތްތަކާއި ބިސްކޯދާއި މަސްދަޅު ކޭސްފަދަ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭކަމަށް އަނީސް ވިދާޅުވިއެވެ. އަދި މިތަކެތި ތުލުސްދޫ ފެރީގައި ދިއްފުއްޓާއި ހުރައަށް މިހާރު ފޯރުކޮށްދީފައިވާކަމަށް އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ، ތުލުސްދޫ އޮންނަނީ ހުރައާއި ދިއްފުށީގެ މެދުގައިކަމުން، އެ ދެރަށަކީވެސް ތުލުސްދޫގެ ރައްޔިތުންނާއި ވަރަށް ގާތްގުޅުމެއް އޮންނަ ދެ ރަށަށްކަމަށެވެ. އަދި ތުލުސްދޫ ކައުންސިލުގެ ފަރާތުން އެހީއަށް ހުޅުވާލުމުން، ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޮވާލީ މިއަދު 10 ޖެހުމާހަމައަށް ރަށު ފެރީ އޮންނަ ސަރަޙައްދަށް އެހީގެ ސާމާނު ގެނެސްދޭން، ގޮވާލީމަ އެބައެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ވަރަށް ގިނަ ސާމާނު އަޅުގަނޑުމެންނަށް ލިބުނު. އެތަކެތި އަޅުގަނޑުމެން ދެ ރަށަށް ހަމަހަމައަށް ބަހާލީ" އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ، ކޯވިޑް-19ގެ މި ދަތިއުނދަގޫ ވަގުތުގައިވެސް، ތުލުސްދޫ ރައްޔިތުން ތިބީ އަވަށްޓެރި ރަށްރަށުގެ ރައްޔިތުންނާއެކުކަމަށެވެ. އަދި ހުރައާއި ދިއްފުށީގެ ރައްޔިތުންނަށް އިތުރު ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލާއި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކަކާ ގުޅިގެން ދިއްފުއްޓާއި ހުރާވެސް މޮނީޓަރިންގ ހާލަތަށް ވަނީ ގެނެސްފައެވެ. ދިއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަމަހުގެ ކުރީކޮޅު އެރަށުން ރ. އުނގޫފާރަށް ދިޔަ 2 މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އެރަށުން ބޭސްފަރުވާއަށް މާލެއައި އުމުރުން ދުވަސްވީ މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހުރާއިން ކޯވިޑްގެ އިތުރު ކޭސްތަކެއް ފެނުމާއި ގުޅިގެން މިދިޔަމަހުގެ 31 ވަނަ ދުވަހު އެޗް.ޕީ.އޭއިން ވަނީ ހުރާގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި ޢާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސްކޫލްތައް ބަންދުކުރުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން ހިމެނެއެވެ.

މި 2 ރަށުގެ ކޯވިޑް-19 ކޭސްތަކުގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދިއްފުށިން މިހާތަނަށް 80 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހުރާއިން މިހާތަނަށް 133 މީހަކު ޕޮޒިޓިވްވެފައިވެއެވެ.