ކޯވިޑް-19

2 ހަފްތާއަށްފަހު އުނގޫފާރު މޮނިޓަރިންގ ހާލަތުން ނަގައިފި


2 ހަފްތާއަށްފަހު އުނގޫފާރު މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ.

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އުނގޫފާރަށް އަރައި ފޭބުން މަނާކޮށް، އެރަށް މޮނިޓަރިން ޙާލަތަށް ލާފައިވަނީ މިދިޔަމަހުގެ 19 ވަނަ ދުވަހުއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު ޢަލީ ވިދާޅުވީ، ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އުނގޫފާރު މޮނިޓަރިންއަށް ލާފައި އޮތުމަށްފަހު، މޮނިޓަރިންއިން ނަގާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މިހާރު އަންގާފައިވާކަމަށެވެ.

އެ ރަށް މޮނިޓަރިން އިން ނަގާފައިވާއިރު، އެ ރަށުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ 12 ދުވަސް ވަނީ ވެފައެވެ.

އުނގޫފާރަކީ އުތުރުގެ އަތޮޅުތަކުން ޞިއްޙީ ޙިދުމަތް ހޯދުމަށް ގިނަ ބަޔަކު ދަތުރުކުރާ ރަށެއްކަމުން، އެރަށުން ކޯވިޑް-19ގެ ކޭސްއެއް ފެނުމާއި ގުޅިގެން، ބައެއް އެހެން ރަށްތައްވެސް މޮނިޓަރިން ޙާލަތަށް ގެނައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކޮށްފައިވެއެެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ރަށުން ކޯވިޑް-19އަށް ޓެސްޓްކުރުމަށް 700 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން ޖުމްލަ 761 ސާމްޕަލް އެ ރަށުން ނަގާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ އެންމެ 7 މީހުންނެވެ.