ޚަބަރު

މިފަހަރު ވޯޓުލާއިރު އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފައިވާކަމަށް ނުބުނާނެ: އިލެކްޝަންސް


އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެއްވެސް އައިޑީ ކާޑެއްގެ މުއްދަތު ހަމަވެފައިވާކަމަށް ނުބުނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކަށްވެސް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ކޮމިޝަންގެ ރައީސްވަނީ ވިދާޅުވެފައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ކޯވިޑް-19 އާއި ގުޅިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އިތުރުކުރިނަމަވެސް މިހާރުވެސް ކުރިއަށްގެންދާގޮތަށް އެއިދާރާގެ ވެބްސައިޓު މެދުވެރިކޮށް ކާޑު ހެއްދުމަށް ފޯމު ހުށައެޅޭނެކަމަށް އެޑިޕާޓްމަންޓުން ވިދާޅުވެއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށްވެސް މިއިންތިޚާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.