ޚަބަރު

އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ އަމާޒަކީ ވެށީގެ މައްސަލަތަކަށް ހައްލު ހޯދައިިދިނުން: ސީޕީ


އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު އަމާޒަކަށްވާނީ ކޮންމެ މުޖުމަތައެއްގައިވެސް ހުރި މައްސަލަތައް ފުރިހަމައަށް ދެނެގަނެވި، އެމައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން ދިިއުންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެޖެއެވެ.

އދ. އަތޮޅުގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފަށްޓަވައި ދެއްވުމަށް މަހިބަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަވަށްޓެރި ފުލުހުންގެ ޚިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެނައުމަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއްކަމަށެވެ. އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ، އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުމަށްކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ޚިދުމަތެއްގެ ގޮތުގައި ގާއިމުކޮށް ދަމަހައްޓައިދިނުމަށް ވަރަށް ގިނަ ރައްޔިތުން ފުލުހުންގެ ކިބައިން އެދިފައިވާކަން ފާގަކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަވައްޓެރި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން އެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ދެމެހެއްޓެނިވިގޮތެއްގައި އެކުގައި ގުޅިގެން، މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ތައާރަފު ކުރެވިގެންދާނެކަމަށެވެ.

ސީޕީ ވިދާޅުވީ އަވަށްޓެރި ފުލުހުންގެ ޚިދުމަތް ދިނުމުގެ އޮނިގަނޑުގެ ތެރޭގައި ވަރަށް މުހިންމު ހަތަރުކަމެއް ހިމެނިފައިވާކަމަށެވެ. އެއީ އަމާންކަން ގާއިމުކުރުމާއި އެކުގައި ގުޅިގެން ޚިދުމަތް ދިނުމާއި އިތުރުބާރު ގާއިމުކުރުމާއި އިހުތިރާމާއެކު އަމަލުކުރުން އަދި މުއާމަލާތު ކުރުންކަމުގައެވެ.

އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން އދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، ސީޕީ ވަނީ އެ އަތޮޅުގެ ކައުންސިލާ ހަވާލުކުރައްވާފައެވެ. އަވަށްޓެރި ފުލުހުންގެ ޚިދުމަތް އދ. އަތޮޅުގައި ފެށިގެން ދިއުމާއެކު އެ އަތޮޅު ވެގެންގޮސްފައިވަނީ އަލަށް އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ކިދުމަތުގެ ގާނޫނުގެ ދަށުން އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށިގެންދިޔަ ފުރަތަމަ އަތޮޅަށެވެ.

އަވަށްޓެރި ފުލުހުންގެ ޚިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިޚިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމިޝަނަރގެ މިދަތުރުފުޅުގައި، އދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާއި އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.