ސިއްހަތު

ރޭޑިއޯގްރަފީގެ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެ - މިނިސްޓަރ ނަސީމް


ރޭޑިއޯގްރަފީގެ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސް.ޓީ.އޯ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން، ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާޙް ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ކޯސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ޞިއްޙީ ދާއިރާގައި ފަންނީ މަޤާމުތަކުގައި މަސައްކަތް ކުރާ މީހުންގެ ގާތްގަނޑަކަށް 95 އިންސައްތައަކީ ބިދޭސީންކަމަށެވެ. ރޭޑިއޯގްރާފަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް އެކަނި ބެލިނަމަވެސް އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ 20 ތަނެއްގައި މަސައްކަތްކުރާ 37 ރޭޑިއޯގްރާފަރުންގެ ތެރޭގައި ހިމެނެނީ އެންމެ 3 ދިވެހިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އައި.ޖީ.އެމް.އެޗްގައި 20 ރޭޑިއޯގްރާފަރުން މަސައްކަތްކުރާއިރު، އޭގެތެރޭގައި ހިމެނެނީ އެންމެ ދިވެއްސެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ޞިއްޙީ ދާއިރާގައި ފަންނީ މަޤާމުތަކުގައި ދިވެހިން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަލަށް މި ފަށާ ރޭޑިއޯގްރަފީގެ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު އިފްތިތާޙު މިކުރާ ޑިޕްލޯމާ އިން ރޭޑިއޯގްރަފީގެ ތަމްރީން ޕްރޮގްރާމާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ. ބިދޭސީ މުވައްޒަފުން ގެންގުޅުމަށް ސަަރުކާރުން ކުރާ ޚަރަދުވެސް ކުޑަވެގެންދާނެ. ބިދޭސީންގެ ބަދަލުގައި ދިވެހިން މި މަޤާމުތަކަށް ޢައްޔަނުކުރެވިގެންދާނެ. މީގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ބަލި މީހާއާއި މުޢާމަލާތު ކުރުމުގައިވެސް ފަސޭހަތަކެއްވެގެންދާނެ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ، ރޭޑިއޯގްރަފީގެ ދާއިރާއަކީ މުސާރަ ބޮޑު ދާއިރާއެއްކަމަށާއި، އެކަށީގެންވާ ފުރުޞަތުތައް ތަނަވަސްކޮށްދެވިއްޖެނަމަ ދިވެހިންވެސް ވަޒީފާ އަދާކުރުމަށް ޝަޢުގުވެރިވާނެ ދާއިރާއެއްކަމަށެވެ. އަމްރު ވިދާޅުވީ އެމް.އެން.ޔޫއާއި ގުޅިގެން މި ކޯސް އަންނަ މެއިމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

"ޤައުމީ ޔުނިވާސިޓީއާއެކީ ޑިޕްލޮމާ އިން ރޭޑިއޮގްރަފީ ކޯސް ފަށަން މަސައްކަތް ކުރަމުން މިހާރު މިދަނީ. މެއި މަހު އެ ކޯހަށް އިޢުލާންކޮށް 20 ކުދިންނާއެކު ކޯސް ފެށިގެންދާނެ. ޑިޕްލޮމާއަށް ނަގާ ފުރަތަމަ ބެޗުގެ ހުރިހާ ކުދިންގެ ކޯސް ފީ އަޅުގަނޑުމެންގެ ސީ.އެސް.އާރުގެ ދަށުން ހިލޭ ފޯރުކޮށްދެވޭނެ." އަމްރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސް.ޓީ.އޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ. އެގޮތުން، އެސް.ޓީ.އޯ ސީ.އެސް.އާރގެ ދަށުން، ފުރަތަމަ ބެޗް އަށް ހުޅުވާލެވޭ 20 ޖާގަ އެސްޓީއޯ ސްޕޮންސަރގެ ދަށުން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައިއެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ހިންގާ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ކޯސް ކުރިއަށްދާނީ ކްލާސްރޫމް ގަޑިތަކުގެ އިތުރުން ލެބް ޓްރެއިނިންގތައްވެސް ހިމަނައިގެންނެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.