ހިޔާ މަޝްރޫޢުގެ ފަންނީ ކެޓެގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުންނާއި ސިވިލް ސަރވިސް ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެދިއްޖެއެވެ.
މިކަމާގުޅިގެން ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ)އިން ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
މިފުރުޞަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީއާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް ޕްލޭނިންގ މިނިސްޓްރީޏް ވިދާޅުވެއެވެ. އަދި މި ހުޅުވާލެވޭ ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓްތަކުގެ އަގު، ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެހެންކަމުން H4 އަދި H5 ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކުން، މިމަހުގެ 6 އިން ފެށިގެން 19 އާ ދެމެދުގެ މުއްދަތުގެތެރޭގައި ޕްލޭނިންގ މިނިސްޓްރީއަށް އެންގެވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން ސިޓީ މެދުވެރިކޮަށާއި، އީމެއިލް މެދުވެރިކޮށްވެސް އެންގޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ހިޔާ ފްލެޓް ދޫކޮށްލާ މީހުންނަށް ކުރިއަށް ހުރި މަޝްރޫޢުތަކުން ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުއެވެ. މަޖިލީހުން ފާސްކޮށްފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފްލެޓްދޫކޮށްލުމަށް އެދޭ ފަރާތްތަަކަށް، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެކަށޭނެ ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ސަރުކާރަށް ހުށައެޅުމަށެވެ.
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކުރި ރިޕޯޓްގައި ވަނީ ހިޔާ މަޝްރޫޢުއަކީ އިޖްތިމާޢީ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ މަޝްރޫޢުއަކަށްވެފައި، އެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ މީހުންނަކީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓް ލިބޭ މީހުންކަން ކަށަވަރުކުރުންކަމަށް ކޮމިޓީއަށް ފެންނަކަމަށެވެ.
އެމަޝްރޫޢުގެ ދަށުން ހިމެނިފައިވާ ނަރުހުންނާއި ޑޮކްޓަރުންނަށް ޚާއްޞަ ކެޓަގަރީން ފެލްޓޭ ލިބުމަށް ޝަރުތު ހަމަވެ ފެލެޓް ލިބޭނެކަމަށް މިހާރު ސަރުކާރުން ކަނޑައަޅާފައިވާގޮތަށް މަޝްވަރާކުރުމަށްފަހު މިހާރު ލިބިފައިވާ ފްލެޓް ދޫކޮށްލުމަށް އެދޭ ފަރާތްތަަކަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ އެކިއެކި ގިންތިތަކުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް އެންމެ އެކަށޭނެ ގިންތިއަކުން ފެލެޓް ނުވަތަ ހައުސިން ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ ސުނާމީ ކާރިސާއަށް 16 އަހަރުވެފައިވާއިރު، އެ ކާރިސާގައި ގެއްލުންވި ހުރިހާ ފަރާތްތަކަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް މިހާތަނަށް އާއިރުވެސް ޙައްލުވެ ނިމިފައިނުވާކަމަށާއި، އެކަމަކީ ކޮމިޓީން ނުހަނު ކަންބޮޑުވާކަމެއްކަަމަށެވެ. އެހެންކަމުން އެ މައްސަލަ 2023 ވަނަ އަހަރުގެ ނިޔަލަށް ޙައްލުކޮށް ދިނުމަށް ސަރުކާރަށް ހުށައެޅުމަށް ރިޕޯޓްގައިވެއެވެ. އަދި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، އެއް ރަށުން އަނެއް ރަށަށް ބަދަލުކޮށްފައިވާ ޢާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައްވެސް 2023 ވަނަ އަހަރުގެ ނިޔަލަށް ޙައްލުކޮށްދިނުމަށްް ހުށައެޅުމަށް ރިޕޯޓްގައި ހިމަނާފައިވެއެވެ.