ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ފުލުހުންގެ ބޯޑު އެކުލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން "ޕޮލިސް ބޯޑު" އެކުލަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވާލައްވާފައިވަނީ މިއަދުއެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

މި ބޯޑު އެކުލަވާލައްވާފައި ވަނީ 7 މެމްބަރުންގެ މައްޗަށް

  • 1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
  • 2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
  • 3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
  • 4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
  • 5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
  • 6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
  • 7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

މިދިޔަ މަހުގެ 27ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މި އައު ޤާނޫނުގެ ބޭނުމަކީ ވެސް މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.