ޚަބަރު

ކޯވިޑް-19 : މިއަދުވެސް 132 މީހުން ޕޮޒިޓިވް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 132މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ ޢަދަދުވަނީ 25،436އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 56 މީހުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 54 މީހުންނެވެ. އަދި ރިސޯޓުތަކުން 22 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 25،436އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު 3،084 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 82 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ވޭތުވެ 24 ގަޑިއިރުގެ ތެރޭގައި 110 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 22،276 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިވަގުތު ރާއްޖޭގެ 75 ރަށަކުން ކޯވިޑް-19ގެ 1،050 އެކްޓިވް ކޭސް ފެނިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޅ.ނައިފަރާއި އެއަތޮޅު ފެލިވަރުންނެވެ. މިދެރަށުންވެސްވަނީ 200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،074 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.