ޚަބަރު

އެއްވެސް ރައްޔިތަކު ވޯޓުން މަޙްރޫމެއް ނުކުރެވޭނެ


މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެއްވެސް ދިވެހި ރައްޔިތަކު، ވޯޓުލުމުން މަހުރޫމް ނުވާނޭ ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ އެންމެފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަށް ކޮމިޝަނުން މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަތޮޅުތަކުގެ ރަށްރަށާއި، ރިސޯޓްތަކަށް ވޯޓު ފޮށިތަކާއި، އޮފިޝަލުން މިހާރު ފޮނުވައި ވޯޓުލުމަށް ތައްޔާރު ވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބާ ގުޅިގެން ބައެއް ރަށްތަކުން ކަރަންޓީނުގައި ތިބި މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންނަށް ވޯޓުލުމާމެދު ސުވާލު އުފައްދައި އެކަމުގެ ޝަކުވާ ލިބެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މާދަމާ ވޯޓުލުމުގެ ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ސުވާލަކާ ނުލައި ވޯޓުލުމުގެ ފުރުސަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަރަންޓީނުގައި ތިބޭ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންނަށްވެސް ވޯޓުލުމުގެ ފުރުސަތު އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް ދެއްވާފައިވާކަމަށާ، އެހެންކަމުން އެފަދަ މީހުން ވޯޓުލާން ގޮސްގެން އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކަރަންޓީން ވެފައިތިއްބޭ ކިޔާފައި، ވޯޓުލާން ވަޑައިނުގަނެ ނުތިއްބަވާށޭ. ރަށްރަށަށްވެސް ވަޑައިގަނެވޭނެ ވޯޓުލާން، އަދި ރަށްރަށުގައި ކަރަންޓީނުގައި ތިއްބެވި ބޭފުޅުންނަށްވެސް ވަޑައިގަނެވޭނެ ވޯޓުލާން." ޝަރީފް ވިދާޅުވިއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށް، ކަރަންޓިނު ނުވެ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެވޭނެގޮތަށް އެޗްޕީއޭއީންވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން ޢާންމުކުރި އުސޫލުގައި ވަނީ ވޯޓުލުމަށްޓަކައި ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، އުވާލާފައިވާކަމަށެވެ. އެގޮތުން ވޯޓުލުމަށްޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

މާދަމާގެ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، މިއިންތިޚާބު އަމާން ސުލްހަވެރި އިންތިޚާބަށް ހެދުމަށް ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުންވެސް ދެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.