ޚަބަރު

ވީހާވެސް ގިނަބަޔަކު ނުކުމެ ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި


މިއީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މުހިންމު އިންތިޚާބެއްކަމަށާ، ވީހާވެސް ގިނަބަޔަކު ނުކުމެ ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓުފޮށްޓަށެވެ. އެއީ ޅ.އަތޮޅުގެ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ މަރުކަޒެވެ.

މިއަދު ހެނދުނު 7:00އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާއާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެޤައުމެވެ.

މިއަދު ވޯޓުލުން ފެށި ވަގުތު އެކި ސަބަބުތަކާހެދި ތިން ރަށެއްގައި ވޯޓްލުން ލަސްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެއީ މ.ރަތްމަންދުއާއި ވ.ތިނަދޫގައެވެ. ރަތްމަންދޫއާއި ތ.ވިލިފުށްޓެވެ. މިރަށްރަށުގެ ވޯޓުލުން ފެށޭނީ 8:30 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.

މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.