ޚަބަރު

ވަގުތީ ނަތީޖާތައް ނިންމާލައިފި، ދާއިމީ ނަތީޖާ އަންގާރަދުވަހު


މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާން ކުރަން ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭގެ ނިޔަލަށް އިއުލާންކޮށް ނިންމާލާފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުންދިޔައިރުވެސް ކޮމިޝަނުން ދިޔައީ އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބަލަމުންނެވެ. ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން ކޮންޕްލެއިން ބިއުރޯތަކާއި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާވެސް ބަލަމުން ދާކަމަށެވެ.

އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންސް ބިއުރޯތަކަށްވަނީ 100 އަށްވިރެ ގިނަ ޝަކުވާ ހުށައަޅާފައެވެ. ސިޔާސީ ޕާޓީތަކުންވަނީ 21 ޝަކުވާއެއް ހުށައަޅާފައެވެ. ހަބީބު ވިދާޅުވީ ޝަކުވާތައް ބަލަމުންދާއިރު އެއްވެސް ވޯޓު ފޮއްޓެއް އަލުން ކަނޑައިގެން ބަލަން ޖެހިއްޖެނަމަ އެކަން ދުރާލައި ކެނޑިޑޭޓުންނަށާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް އަންގާނެކަމަށެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ ގިނަ ގޮޑިތަކެއް ކާމިޔާބު ވެފައެވެ. އެމްޑީޕީއަށް ވަނީ މިއިންތިޚާބުގައި 3 ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިއިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމާއި ލާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން 7 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި އިންތިޚާބު ބާއްވާފައިވާއިރު މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.