ޚަބަރު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަވެރިކަން


މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް އިކޮޅު ކޯލިޝަނުން އިންތިޚާބު މެމްބަރުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ ކެމްޕެއިން ފަށައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ހިމެނޭ ގޮތަށް ކައުންސިލްގެ 12 ގޮނޑި ކާމިޔާބުކޮށް މެޖޯރިޓީ ނަގާފަައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީންނެވެ. މާލެ ސިޓީ ކައުންސިލް މެންބަރުގެ އަދަދަކީ 19 އެވެ.

އިދިކޮޅުން ކޯލިޝަނުން ސިޓީ ކައުންސިލްގެ މެޖޯރިޓީ ނެގުމަށްފަހު މިހާރު އެންމެ ވާދަވެރިކަމެއް އޮތީ މާލޭގެ ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމެވެ. މި މަޤާމަށް ޝައުގުވެރިކަން ފާޅުކޮށް މިހާތަނަށް ދެ ބޭފުޅަކު ވަނީ ރަސްމީކޮށް އެކަން އިއުލާންވެސް ކުރައްވާފައެވެ.

ޕީޕީއެމް ތެރެއިން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވާދަވެރިކަން ބޮޑުވެފައިވަނީ ހުޅުމާލެ ދާއިރާއަށް އިންތިޚާބުވި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއާއި، ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ނާސިރުގެ މެދުގައެވެ.

މިބޭފުޅުންގެ ތެރެއިން ޝުޖާ ފިޔަވައި ދެން ތިއްބެވި ދެބޭފުޅުންވަނީ މަޤާމަށް ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ. މަޤާމުގެ ޝައުގުވެރިކަން ފާޅުކޮށް ނަހުލާ އާންމުކުރި ސިޓީގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބުކުރުމަށްޓަކައި ވޯޓުލާ އާބާދީގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަމަށްވާ އަންހެނުންނާއި ޒުވާނުންގެ ގިނަ ޢަދަދެއްގެ ވޯޓު ނެގުމަށްޓަކައި ޢިލްމީ، ޤާބިލް، ހިތްވަރުހުރި ކެރޭ އަންހެނަކަށް ޑެޕިއުޓީ މޭޔަރ ކަމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޕީޕީއެމުން ހިތްވަރުދެއްވާނެ ގޮތް ކަމުގައި ދެކޭކަމަށެވެ.

ނިމިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލުގައި އަންހެނަކާއި ފިރިހެނަކު މާލެ ސިޓީގެ މޭޔަރު ކަމާއި ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާކަން ނަހުލާވަނީ ފާހަގަކުރައްވާފައެވެ.

ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކޮށް އަބްދުﷲ ނާސިރު ކުރެއްވި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ރައްޔިތުން ދިން ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް މޭޔަރު މުއިއްޒުގެ ފަހަތުގައި ޑެޕިއުޓީ މޭޔަރެއްގެ މަޤާމުގައި މަސައްކަތް ކުރެއްވުމަށް އޭނާގެ ތައްޔާރަށް ހުންނެވި ކަމަށެވެ.

މިމަޤާމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކޮށްފައި ނުވިނަމަވެސް އޭނާއަށް ތާއީދު ކުރާ ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ ސޯޝަލް މީޑިޔާގައި ކެމްޕެއިން ކުރަމުންނެވެ. ޝުޖާއަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންދާ މީހުން ބުނަމުންދަނީ މި މަޤާމަށް އެންމެ ހައްގު ބޭފުޅަކީ ޝުޖާ ކަމަށެވެ.

މާލެ ސިޓީގައި ޕީޕީއެމްއަށް ލިބުނު ބޮޑު ކާމިޔާބާއިއެކު އިންތިޚާބުވި ބައެއް ކައުންސިލަރުންގެ މެދުގައި ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވާދަވެރިކަން ބޮޑުވެފައިވާއިރު ޕާޓީގެ ލީޑަރޝިޕުން މިހާތަނަށް މިކަމުގައި ވަކި އެއްޗެއް އަދި ބުނެފައި ނުވެއެވެ.