ކޯވިޑް-19

ކޯވިޑް-19 : ވެކްސިން ކިއުތައް ދިގުވާ މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން - އެޗް.އީ.އޯ.ސީ


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ޖެހުމަށްޓަކާ ދިގު ކިއުތަކެއްގައި ގިނަ ވަގުތުތަކެއް ހޭދަންކުރަންޖެހޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކަންކަން މާލެއާއި އަތޮޅުތެރޭގައި އޭރު ކުރިއަށްގެންދިޔައީ ދުވާލުގެ ވަގުތުތަކުގައެވެ. ނަމަވެސް ރަމަޟާންމަސް ފެށުމާއެކު ވެކްސިން ޖެހުމުގެ ކަންކަން ރޭގަނޑަށް ވަނީ ބަދަލުކޮށްފައެވެ. މިބަދަލާއެކު ވެކްސިން ސެންޓަރުތަކުގެ ބޭރުން ބޮޑެތި ކިއުތަކެއް ހަދައި ވެކްސިން ޖެހުމަށް އެތައް ވަގުތެއް ހޭދަވާކަމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ. އަދި ބައެއް ސެންޓަރުތަކުން ވަކިބަޔަކަށް އިސްކަންދޭކަމުގެ ޝަކުވާތައްވެސް ވަނީ ފެންމަތިވެފައެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ވެކްސިން ޖެހުމުގައި މިހާރު ދިމާވާ މައްސަލަތައް ހައްލުކޮށް، ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ މަސައްކަތްކުރަމުންދާކަމަށެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ކިއުތަކުގައި ގިނަ އިރުތަކެއްވަންދެން މަޑުކުރަން ނުޖެހި، ވެކްސިން ޖެހޭނެ އިންތިޒާމް ހުރިހާ ސެންޓަރެއްގައިވެސް ހަމަޖައްސާފައިވާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް، އިތުރު ބަޔަކަށް ވެކްސިން ސެންޓަރުތަކުގައި އިސްކަންދޭކަން އެޗް.އީ.އޯ.ސީއަށް މިހާތަނަށް އެނގިފައިނުވާކަމަށާ، އެކަން ބަލާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ވެކްސިން އޮޕަރޭޝަން ޓީމުން އިތުރަށް ވެކްސިން ކިއުތައް ދިގުވުމުގެ މައްސަލައަށް ޙައްލު ގެނައުމަށް މިހާރުވެސް މަސައްކަތް ކުރަމުން އެބަގެންދަވާ. ވަކި ބަޔަކު އަވަހަށް ކިއުގައި ނުޖެހި ވެކްސިން ޖަހައިދޭކަމަކަށް އަޅުގަނޑަކަށް އަދި އެނގިފައެއްނެތް. އެހެންނަމަވެސް އަޅުގަނޑު އެކަންތައް ބަލާނަން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި ފުރަތަމަ ޑޯޒް ޖެހުމަށް ފޮނުވި މިންވަރަށް، ވެކްސިން ޖަހައި ނިންމާފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެއިތުރުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްއާއި، ސިނަފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް ބައެއް ރަށްރަށުގައި ކުރިއަށްދާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖެހުމުގެ ސަބަބުން ބަލި ޖެހުމުގެ ފުރުޞަތު %60 ކުޑަކޮށްދޭކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި ވެކްސިން ޖަހާ ފަރާތްތަކަށް ބަލިޖެހިއްޖެނަމަ ބަލީގެ ބޮޑުވަރުވުން %100އާ ހަމައަށް ކުޑަކޮށްދޭކަމަށްވެސް ޞިއްޙީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ރަމަޟާންމަހުގެ ތެރޭގައި ވެކްސިން ޖަހާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ވެކްސިން ޖެހުން އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ ރޭގަނޑު 9އިން 11 ޖެހުމާ ހަމައަށެވެ. ނަމަވެސް ފަހުން ވަނީ 45 މިނެޓް އިތުރުކޮށްފައެވެ.