ޚަބަރު

ކޯވިޑް-19 ދިފާޢު: މިހާރު ކިއުބީ އެޕުންވެސް ވެކްސިން ކިޔޫ ނަމްބަރު ނެގޭނެ


ކޯވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް ދޫކުރާ ކިޔު ނަމްބަރު، އޮންލައިންކޮށް ކިއުބީ އެޕްލިކޭޝަނުން ލިބޭނެގޮތް ހަމަޖައްސައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ކުރެއްވި ޓްވީޓެއްގައި ވަނީ އޮންލައިންކޮށް ކިއުބީ އެޕްލިކޭޝަނުން ނަމްބަރު ދޫކުރަން ފަށާނީ މިރޭ 21:00އިން ފެށިގެންކަމަށެވެ.

މިއީ ކޯވިޑް-19ގެ ވެކްސިންގެ 2ވަނަ ޑޯޒު ޖެހުމަށް ވެކްސިން ސެންޓަރުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ތޮއްޖެހި، ކިޔޫތައް ދިގުވެ، ވެކްސިން ޖެހުމަށް ޢާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން އެޗްޕީއޭއިން ނިންމި ނިންމެވުމެކެވެ.

އެހެންނަމަވެސް އޮންލައިންކޮށް ނަންބަރު ދޫކުރާނީ 3 ސެންޓަރަކުން ވެކްސިން ޖެހުމަށް ކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެއީ ސޯޝަލް ސެންޓަރ، ނޭޝަނަލް އާޓް ގެލެރީ އަދި ހުޅުމާލޭ ވެކްސިން ސެންޓަރެވެ.

މި 3 ސެންޓަރުން ވެކްސިން ޖެހުމަށް ކިއުބީއިން ނަމްބަރު ދޫކުރާނީ ވަކި ޢަދަދަކަށެވެ. ސޯޝަލް ސެންޓަރުން ވެކްސިން ޖެހުމަށް ދޫކުރާނީ 500 ޓޯކަން ނަމްބަރެވެ. އާޓު ގެލެރީން ދޫކަރާނީ 300 ޓޯކަން ނަމްބަރެވެ. ހުޅުމާލޭ ވެކްސިން ސެންޓަރުން ދޫކުރާނީ 200 ނަމްބަރެވެ.

ކޯވިޑް19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މިމަހުގެ 3ވަނަ ދުވަހުން ފެށިގެންނެވެ. ދެވަނަ ޑޯޒް ޖަހަން ހުޅުވާލުމާއެކު ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ ކިއުގައި ޖެހިގެން ކޮންމެ ދުވަހަކުވެސް ވެކްސިން ޖަހަމުންނެވެ.

މިހާތަނަށް ރާއްޖެއިން 281،848 މީހުން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ 45،817 މީހުންނެވެ.