ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ މައި ބޭންކުން ޑިޖިޓަލް ކަރަންސީއަކަށް


އިނގިރޭސިވިލާތުގެ މައި ބޭންކުގައި ޑިޖިޓަލް ކަރަންސީ ބޭނުންކުރުމަށް ހުރި ފުރުޞަތުތަކަކީ ކޮބާތޯ ބެލުމަށްޓަކައި ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް އެ ބޭންކުން އިޢުލާނު ކޮށްފިއެވެ.

ޓާސްކް ފޯސް އެކުލަވާލުމުގެ މަޤްޞަދަކީ ޑިޖިޓަލް ކަރަންސީއެއް އުފެއްދުމުގައިހުރި ގެއްލުންތަކާއި ފުރުޞަތުތަކަކީ ކޮބައިތޯ ރަގަޅަށް ދެނެގަތުންކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

މި ނިންމުން އަދި ވަނީ ރަސްމީކޮށް ނުނިންމައެވެ. ނަމަވެސް އެ ޤައުމުގެ ސަރުކާރާއި ބޭންކުން ބޭނުންވަނީ ޙިއްޞާދާރުން މިކަމުގައި ބައިވެރިކޮށްގެން ކުރިއަށްގެންދިއުމަށެވެ. އޭގެ ސަބަބުން މިކަމުގައި ހުރި ފައިދާތަކާއި ތަޖުރިބާތައް އެގިގެންދާނެއެވެ.

ޓާސްކްފޯހުގެ ވެރިންނަށް ތިއްބަވާނީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރާއި ޓެރެޝަރީ ޑައިރެކްޓަރ ޖެނެރަލް އޮފް ފައިނޭޝިއަލް ސާރވިސްއެވެ.
ބޭންކުން މީގެ ކުރިން ބުނެފައިވަނީ ޑިޖިޓަލް ކަރަންސީއެއް ބޭނުންކުރުމަށް ޝައުގުވެރިވީ މި ޒަމާނަކީ ފައިސާ އާއި ފައިސާ ދެއްކުމަށް މުހިންމު ބަދަލުތަކެއް އައިސްފައިވާ ޒަމާނަކަށް ވީމައެވެ.

ވިޔަފާރީގެ މުޢާމަލާތަކުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މިދިޔަ އަހަރުތަކުގައިވަނީ ދަށަށްދާން ފަށާފައެވެ. މީގެ ބަދަލުގައި ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތައް ވަނީ އިތުރުވާން ފަށަފައެވެ. އަދި ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރާއި ޑައިރެކްޓް ޑެބިޓް ބޭނުން ކުރުންވެސް ވަނީ އިތުރުވެފައެވެ.

ބޭންކުން ބެލި އަނެއްކަމަކީ އަމިއްލަ ޑިޖިޓަލް ފައިސާއެއް ބޭނުންކުރުމުން އަލަށް ތަޢާރަފްވާ އަމިއްލަ ފައިސާތަކުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެވޭނެކަމެވެ. އަދި ޑިޖިޓަލް ކަރަންސީ އެއް ތަޢާރަފް ކޮށްފިނަމަ މިންކުރާނީ ޕައުންޑުންކަމަށް ބޭންކުން ބުނެފައިވެއެވެ.