ކޯވިޑް-19

ކޯވިޑް-19 ދިފާޢު: ފައިޒަރ ވެކްސިން ޖަހާނީ އެޕޮއިންޓްމަންޓް އުޞޫލުން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި - އެޗްޕީއޭ


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ފައިޒަރ ވެކްސިން ޖަހާނީ އެޕޮއިންޓްމަންޓް އުސޫލުން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ،އޭ)އިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ފައިޒަރ ވެކްސިންގެ ލިބިފައިވަނީ މަދު ސްޓޮކެއްކަމަށް ވާތީ، ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ފައިޒަރ ވެކްސިން ޖެހުން ކުރިއަށްދާނީ، ރަޖިސްޓްރީވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން، ރަޖިސްޓްރީ ކޮށްފައިވާ ތަރުތީބުންކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ބަޔޯއެން ޓެކްގެ ފައިޒަރ ވެކްސިން ރާއްޖޭގައި ދިނުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވަނީ މިދިޔަ މާރިޗުމަހުގެ 15ވަނަ ދުވަހުއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ވަނީ ފައިޒަރ ވެކްސިންގެ 5500 ޑޯޒް ލިބިފައެވެ. މިވެކްސިން ރާއްޖެއަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. ފައިޒަރ ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން ޖަހަމުންދަނީ މާލޭ ސަރަޙައްދުގައި އެކަންޏެވެ.

ފައިޒަރ ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ މީހުން، މިމަހުގެ 4ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރީވާން އެޗް.ޕީ.އޭއިން ވަނީ ހުޅުވާލާފައެވެ. އަދި މާލޭ ސަރަޙައްދުގައި ފައިޒަރ ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. 60 އަހަރުން މަތީގެ މީހުންނާއި، 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ފައިޒަރ ވެކްސިނަށް ރަޖިސްޓްރީ ކުރެވޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.