ދުނިޔޭގެ ވިޔަފާރި

ވައިގެ ދަތުރުތައް އިތުރުނުވާނަމަ އެމިރޭޓްސްއަށް އިތުރު ދަތިތަކެއް


ވައިގެދަތުރުތައް އިތުރުނުވާނަމަ، އެމިރޭޓްސްއިން އިތުރަށް ފައިސާ ހޯދަން ޖެހޭނެކަމަށް އެކުންފުނީގެ ރައީސް ވިދާޅުވެއްޖެއެވެ.

އެމިރޭޓްސްއިން އުންމިދުކުރީ ކޯވިޑް 19 ގެ ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުން ވައިގެ ދަތުރުތަކަށް ޔަޤީންކަމެއް ލިބިގެންދާނެކަމަށެވެ. ނަމަވެސް ގިނަ ބޯޓުތައް ގްރައުންޑް ކުރުމާއެކު ދަތުރުތަކަށް އޮތީ ވަރަށް ދަށް ޑިމާންޑެކެވެ.

'އިތުރު އަށްވަރަކަށް މަހަށް ވާވަރަށް އަހަރުމެންއަތުގައި ފައިސާ އެބަހުރި. ދުވަހުން ދުވަހުން ކުރަންޖެހޭ އޮޕަރޭޝަނަށް ފުދޭނެ ފައިސާވެސް އަންނަނީ ލިބެމުން. ނަމަވެސް ހަމަސްދުވަހުގެ ތެރޭގައި ވައިގެ ދަތުރުތައް ހަމަ މިހާލަތުގައި ހުރެއްޖެނަމަ، އަހަރުމެންނެކޭ އެއްގޮތަށް އެހެން މީހުންނަށްވެސް އުދަގޫތަކާ ކުރިމަތިވާނެ'. އެމިރޭޓްސްގެ ރައީސް ޓޮމް ކްލާރކް ވިދާޅުވިއެވެ.

އަހަރުގެ ފުރަތަމަ ދެބައިކުޅައެއްބައިގައި އެމިރޭޓްސްއަށްވަނީ 12.6 ބިލިއަން ދިރްހަމް ގެ ގެއްލުން ވެފައެއެވެ. އެއީ 3.4 ބިލިއަން ޑޮލަރެވެ. ހިއްޞާއެއްގެ އަގުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 2 ބިލިއަން ޑޮލަރެވެ. ދުބާއި ސަރުކާރަކީ އެމިރޭޓްސް ހަމައެކަނި ޙިއްޞާދާރެވެ.

ސެޕްޓެމްބަރ ނޫނީ އޮކްޓޫބަރ ހިސާބުގައި ފައިސާގެ ޙާލަތު ރަގަޅުވެގެންދާނެ ކަމުގެ އުންމީދު އެބައޮތްކަމަށްވެސް ކްލާކް ވިދާޅުވިއެވެ. އަދި އުންމީދު ކުރަނީ އެއަރލައިނުން ފައިސާއަށް ބޭނުންނުޖެހި، މާލީ ހާލަތު ރަގަޅުވާނެ ކަމަށްވެސް ކްލާކް ވިދާޅުވިއެވެ.

އެމިރޭޓްސްއިން ވަނީ މުދާ އުފުލުމަށް ހަމަޖެހިފައިވާ ބޮއެންގ 777 ގެ 151 ޖެޓްގެ އުދުހުންތައް އަލުން ފަށާފައެވެ. މިބޯޓުތަކުގައި ކޮންމެ ދުވަހަކު 20000 ހާއި 30000 ދެމެދު އަދަދަކަށް ފަސިންޖަރުން އުފުލައެވެ.

ކްލާކް ވިދާޅުވާ ގޮތުގައި ބޮއެންގ 777 ފަސިންޖަރުން އުފުލާ ދުވަސްވެފައިވާ ޖެޓްތައް މުދާ އުފުލާ ޖެޓްތަކަކަށް ބަދަލުކުރެވިދާނެއެވެ. މުދާ އުފުލުލުމަށް ވައިގެދަތުރުތަކުގެ ޑިމާންޑް ވަނީ އިތުރުވެފައެވެ. އޭނާ އުންމީދު ކުރަނީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު ބިޒްނަސް ކުލާހުގެ ދަތުރުތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި އޮންލައިން ބައްދަލުވުންތައް ބޭއްވޭތީ ކޯޕަރޭޓް ދަތުރުތައް މިހާރުވެސް މަދުކަން އެއަރލައިނުން ފާހަގަކުރެއެވެ.
ކޯޕަރޭޓް ދަތުރުތައް އިތުރުނުވާނަމަ ބިޒްނަސް ކުލާހުގެ ސީޓްތަކުގެ އަގު ހެޔޮވުން އެކަށީގެންވާކަމަށްވެސް ކްލާކް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރިޓަޔަރވާނެކަމަށް ބެލެވުނު އެމިރޭޓްސްގެ ރައީސް ކްލާކާ ވިދާޅުވަނީ އޭނާ ބޭނުންވަނީ ރިޓަޔަރވުމުގެ ކުރިން އެއަރލައިންގެ މުސްޠަޤުބަލު ރަނ ގަޅު ކުރުމަށްކަމަށެވެ.