ޚަބަރު

ނަތީޖާ ބަދަލެއް ނުވި، މާލެ އިދިކޮޅަށް، 3 ސިޓީއާއި 11 އަތޮޅު ކައުންސިލް އެމްޑީޕީއަށް


މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށް ނިންމާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ރަސްމީ ނަތީޖާ އިއުލާން ކުރަން ފަށާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުގެއެވެ. ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިޢުލާން ކުރަންޖެހޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން މި އިންތިޚާބުގައި ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްނިމިފައިވާއިރު 6 ދާއިރާއެއްގައި ވޯޓުލާން ޖެހޭކަމަށެވެ. އޭގެ ތެރެއިން ދެ ދާއިރާއަކީ ވޯޓުގައި މައްސަލަ ޖެހިގެން އިންތިޚާބު ބާއްވާ ދެދާއިރާކަމަށެވެ. އަނެއް ހަތަރު ދާއިރާއަކީ ވޯޓު އެއްވަރުވެގެން އިންތިޚާބު ބާއްވަންޖެހޭ ދާއިރާތައްކަމަށެވެ.

ވޯޓުގައި މައްސަލަ ދިމާވެގެން އަލުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ތ.ގާދިއްފުއްޓާއި، ލ.މާވަށެގައެވެ. މި ދެ ދާއިރާގައާއި، ވޯޓު އެއްވަރުވި އަނެއް ހަތަރު ދާއިރާގައި ވޯޓުލުން އޮންނަ ތާރީޚެއް އިލެކްޝަނުން އަދި އިއުލާންކޮށްފައި ނުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ 3 ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމާއި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން 7 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. މީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގަން ފެށި ފަހުން މާލެ ސިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

އެމްޑީޕީއަށް ލިބުނު އަތޮޅު ކައުންސިލްތައް

- ހއ. އަތޮޅު
- ހދ. އަތޮޅު
- ށ. އަތޮޅު
- ނ. އަތޮޅު
- ބ. އަތޮޅު
- އދ. އަތޮޅު
- އއ. އަތޮޅު
- ވ. އަތޮޅު
- މ. އަތޮޅު
- ދ. އަތޮޅު
- ލ. އަތޮޅު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަަށް ލިބުނު އަތޮޅު ކައުންސިލްތައް

- ރ. އަތޮޅު
- ޅ. އަތޮޅު
- މާލެ އަތޮޅު
- ފ. އަތޮޅު
- ތ. އަތޮޅު
- ގއ. އަތޮޅު
- ގދ. އަތޮޅު

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި ބޭއްވި މި އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.