ޚަބަރު

12 ދާއިރާއެއްގައި އަލުން އިންތިޚާބު ބާއްވަންޖެހޭ: އިލެކްޝަންސް


މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މައްސަލަ ދިމާވެގެންނާއި، ވޯޓު އެއްވަރުވެގެން 12 ދާއިރާއެއްގައި އަލުން ވޯޓުލުން ބާއްވަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ހުށަހެޅުނު ހުރިހާ މައްސަަލަތަކާއި ޝަކުވާތައް ބަލައި ނިމި ދާއިމީ ނަތީޖާވެސް އިއުލާން ކުރެވިފައިވާކަމަށެވެ. އިންތިޚާބުގައި ވޯޓަށް އަސަރުކުރާފަދަ މައްސަލަތަކެއް ދިމާވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ތ.ގާދިއްފުއްޓާއި، ލ.މާވަށުގައެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ދިމާވެގެން 2 ދާއިރާއެއްގައި އަލުން ވޯޓުލާން ނިންމާފައިވާއިރު، ހަތަރު ދާއިރާއެއްގެ ވޯޓުގެ ނަތީޖާ އެއްވަރުވެފައިވުމުން އެދާއިރާތަކުގައިވެސް އިންތިޚާބު އަލުން ބާއްވާނެކަމަށެވެ. ކައުންސިލް އިންތިޚާބުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ 4 ދާއިރާއަކީ ހއ.ތަކަންދޫ، ފ.ދަރަނބޫދޫ، މ.ރަތްމަންދޫ، އަދި ބ.ކިހާދޫ އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ އެއްވަރުގެން 6 ދާއިރާއެއްގައި ވޯޓުލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދާއިރާ ތަކުގައި އިންތިޚާބު ބާއްވާނެ ވަކިތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ އިންތިޚާބުގައި ވާދަކުރުމަށް ކަނޑައެޅި އަދަދަށް ކުރިމަތިލާފައިނުވާ ދާއިރާތަކުގައި އަލުން ވޯޓުލުމުގެ ކަންކަން ބޭއްވުމުގެ މަަސައްކަތެވެ. މިކަމުގައި ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި މިދާއިރާތަކަށް އަލުން ހުޅުވާލާނެ ދުވަހަކާއި އިންތިޚާބު ބާއްވާނެ ދުވަހެއް އިޢުލާން ކުރުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ މެދު ތެރޭގައި ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.