ދުނިޔޭގެ ވިޔަފާރި

މުއްސަނދިންގެ ޓެކްސް އިތުރުކުރުން: ބައިޑަންގެ އަމާޒު


އެމެރިކާގެ މުއްސަނދިން އަތުން ނަގާ ޓެކްސް އިތުރުކުރުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޖޯ ބައިޑަން ފައްޓަވައިފިއެވެ. މީގެ ތެރޭގައި ބޮޑެތި އިންވެސްޓްމަންޓުތަކުން ލިބޭ ފައިދާއިން ޓެކްސް ނެގުން ވެސް ހިމެނެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ މިގޮތަށް ކަންތައް ކުރަން ނިންމީ މަސައްކަތު މީހުންނަށް މުސާރަ ލިބޭ ޗުއްޓީ ދިނުމަށާއި، ޕްރީސްކޫލް ތަޢުލީމަށާއި ކުޑަކުދިންގެހިޔާ އަށް ފަންޑުކުރުމަށެވެ.

މި ޕްލޭނަކީ އެމެރިކާގެ ޓެކްސް ސިސްޓަމް ރަގަޅުކުރުމަށްޓަކައި މުއްސަނދިންނާއި ބޮޑެތިން ކުންފުނިތަކުން ދައްކާ ޓެކްސް އިތުރުކޮށް ބައިޑަންގެ އިޤްތިޞާދީ އެޖެންޑާ އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ހަދާ ޕްލޭނެކެވެ. 1 މިލިއަން ޑޮލަރަށްވުރެ އިތުރަށް އާމްދަނީ ލިބޭ މީހުންގެ އަތުން 39.6 އިންސައްތަ ޓެކްސް ނެގުމަށް ވަނީ ނިންމާފައެވެ. މިއީ އިންވެސްޓްމަންޓުން ލިބޭ ފައިދާއިން ނަގާ އެންމެ ބޮޑު ޓެކްސްއެވެ.

1920 އިން ފެށިގެން މި ޓެކްސް ދައްކަމުން އައީ އެމެރިކާގެ އެންމެ މުއްސަނދިންނެވެ. ބައިޑަންގެ ރިޔާސީ ކެމްޕޭން ވަރުގަދަކުރުމަށްޓަކައި ހެދި މި ޕްރޮޕޯސަލްގެ ޚަބަރާއެކު ވޯލް ސްޓްރީޓްގެ ސްޓޮކް ދަށްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން މިކަމުގެ ތަފްޞީލު މިއަންނަ ހަފްތާގައި ލިބޭނެއެވެ. އެއީ ބުދަ ދުވަހު ބައިޑަން ކޮންގްރެސްގައި ވާހަކަފުޅުދެއްކެވުމުގެ ކުރިންނެވެ. މީގެ އިތުރުން ވައިޓް ހައުސްއިން ދަނީ ޓެކްސް އިތުރު ކުރެވޭނެ އެހެނިހެން ގޮތްތަކާމެދުވެސް މަޝްވަރާ ކުރަމުންނެވެ.

ބައިޑަން ވަނީ ހައުސްހޯލްޑް އިންކަމަށް 400000 ޑޮލަރަށްވުރެ މަދުން ލިބޭނަމަ ޓެކްސް އިތުރުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މި ތަފްޞީލުތައް ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހު ނިއުޔޯކް ޓައިމްސްއިންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ 'އެމެރިކާގެ ޢާއިލާތަކާއި ބެހޭ ޕްލޭން' އަށް ރައީސް ވާހަކަފުޅުދައްކަވާނީ ކޮންގްރެސްގައި ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްޞީލްތަކެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ މިކަމަށް ފަންޑުކުރާނެ ގޮތެއް އަދި ނުނިންމާކަމަށެވެ. ބައިޑަން އާއި ޓީމުން ޤަބޫލުކުރައްވާ ގޮތުގައި މިކަމުގެ ސަބަބުން އެމެރިކާގެ އެއްވެސް އިންވެސްޓްމެންޓަކަށް ނޭދެވެ އަސަރެ ނުފޯރާނެއެވެ.