ރިޕޯޓް

2016ގެ ބަޖެޓް: ތަރައްޤީއަށް ބޮޑު ހޭދައެއްކުރާނެ ބަޖެޓެއް


މިއަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު ހޭދަ ކުރުމަށް ނިންމާފައިވާ ބަޖެޓްކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. ޕީއެސްއައިޕީއަށް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ހަރަދުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައިވަނީ ހިމަނާފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، ޕީއެސްއައިޕީގެ މަޝްރޫއުތައް އެކުލަވާލުމުގައި މައިގަނޑު ދެ ކަމަކަށް އިސްކަން ދެއްވާފައިވާނެ ކަމަށް، މިގޮތުން މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށާއި އަލަށް ފަށާ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަކީ ޕީއެސްއައިޕީގެ މަޝްރޫއުތައް އެކުލަވާލުމުގައި އިސްކަން ދެއްވާފައިވާ ކަންތައްތައް ކަމަށް ވިދާޅުވިއެވެ. ޖިހާދު ވިދާޅުވީ، އެ ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ރައްޔިތުންނަށް ތަރައްގީ ފޯރުކޮށްދިނުން ކަމަށެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ މުޅި ބަޖެޓުގެ 33 އިންސައްތައެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން އާއްމު ބަޖެޓުން ހޭދަ ކުރުމަށް ކަނޑައަޅާފައި ވަނީ 5.2 ބިލިއަން ރުފިޔާއެވެ.  އަދި ބޭރުގެ ލޯނު އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާއާއި ހިލޭ އެހީއާ ޓުރަސްޓު ފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ.އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބޮޑެތި މަޝްރޫއުތައްކަށް ބަލާލާއިރު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކާއި ށ އަތޮޅު ފޮނަދޫ އެއަރޕޯޓްގެ މަޝްރޫއު ފިނޭންސް މިނިސްޓަރ މިއަދުވަނީ ފާހަގަކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައި ވަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމާއި ވައިގެ ބަނދަރުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެކަމަށްޓަކައި އަންނަ އަހަރު 63 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ. އެއީ 2.6 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް. އޭގެތެރެއިން 62 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތްތަކަށް 783 މިލިއަން ރުފިޔާ ހޭދަ ކުރަން ބަޖެޓްގައި ހިސާބުކުރެވިފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ބިން ހިއްކުމާއި މަގު ހެދުމަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން 9 ރަށެއްގެ ބިން ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ. އަދި އަންނަ އަހަރުގެ ބަޖެޓުން ބިން ހިއްކުމުގެ 19 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފެނާ ނަރުދަމާ ގާއިމު ކުރުމުގެ 96 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ.  އެ މަޝްރޫއުތަކަށް 960 މިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވިއެެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 60 މަޝްރޫއުއެއް ވަނީ ހިމަނާފައެވެ. އެދާއިރާއަށް 793 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުން ހޭދަކުރުމަށް ހިސާބު ކުރެވިފައިވާއިރު އޭގެތެރޭގައި ރަށްރަށުގެ ގޮނޑުދޮށްތަކަށް ހޭދަ ކުރުމުގެ 34 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.އަންނަ އަހަރުގެ ބަޖެޓުގައި ކަރަންޓަށް ކުރެވޭ ހަރަދު ކުޑަކުރުމާއި އިއާދަކުރަނިވި ހަކަތައަށް ވެސް ވަނީ 340 މިލިއަން ރުފިޔާ ހިމަނާފައެވެ. އެގޮތުން މާލޭގައި އިތުރު 50 މެގަ ވޮޓުގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުމާއި މާލެއާ ހުޅުމާލެ ކަރަންޓުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ހިމެނޭ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގައި ތިމާވެއްޓާ ރަށްޓެހި ހަކަތައިގެ ނިޒާމުތައް ވެސް އަންނަ އަހަރު ގާއިމު ކުރާނެ ކަމަށް ޖިހާދު ވިދާޅުވިއެވެ.