ޚަބަރު

މިދުވަސްވަރު، އިންޑިއާ ފަތުރުވެރިން ޢަމަލުކުރާނެ ޚާއްސަ އުސޫލެއް ހަމަޖައްސައިފި


އިންޑިއާއިން އަންނަ ފަތުރުވެރިން ރާއްޖޭގެ މީހުން ދިރިއުޅޭ ޢާއްމު ރަށްރަށުގެ ގެސްޓުހައުސްތަކާއި އެފަދަ ތަންތަނުގައި ޗެކިންވުން ހުއްޓާލުމަށް އަންގައިފިއެވެ. މީގެތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވާފައިވާ އެންގުމެއްގައިވަނީ ވެކްސިން ޖަހާފައިވީނަމަވެސް އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ މީހުންގެތެރޭގައި އިންޑިއާގައި ޓްރާންސިޓްވެފައި އަންނަ މީހުންނާއި އިންޑިއާގައި ދިރިއުޅެފައި އަންނަ މީހުންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެއަށް އަންނައިރު ޚާއްސަ އުސޫލުގެއްދަށުން ޢަމަލުކުރަން ޖެހޭގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

އެގޮތުން އަންނަ އަންގާރަ ދުވަހުންފެށިގެން އިންޑިއާއިން އަންނަ ފަތުރުވެރިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނީ ޢާއްމުން ދިރިއުޅޭ ތަންތަނާއި މުޅިން ވަކިން ހުންނަ ސިޓީ ހޮޓާ ތަކުގައި އެކަނިކަމަށް އެޗްޕީއޭއިންވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް މިވަގުތު ރާއްޖެއަށް އައުމަށް ބުކިންގ ހަދައިފައިވާ މުއްދަތަށް ރާއްޖެގައި ތިބުމުގައި އެ ފަތުރުވެރީންނަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން ވިދަޅުވާގޮތުގައި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ފުރުމުގެ ކުރިން ޑިޕާޗަރ ޕީސީއާރް ޓެސްޓްގެ ނެގަޓިވް ނަތީޖާއެއް އޮންނަންޖެހެއެވެ.

މީގެއިތުރުން މިއަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންވެސް ހިމެނޭހެން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓް ނަތީޖާއެއް އޮންނާޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި މިފަރާތްތަކުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ހޭދަކޮށް ނެގަޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބެންދެން އެކެހެރިވާގޮތަށްވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މީގެ ތެރޭގައި އެއްއަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އިންޑިއާއިން ރާއްޖެ އަންނަ މީހުންނާ މެދު ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިމިވަނީ މިވަގުތު އިންޑިއާގެ ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާތީއެވެ. އެގޮތުން ބަލީގެ އެކި ވޭރިއެންޓް އުފެދި އެޤައުމުގައި ބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު ރިކޯޑު ޢަދަދަކަށްވަނީ އިތުރުވެފައެވެ.