ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ އއ.މަތިވެރި / ހަނދުވަރީގެ، ޢަބްދުﷲ ޖަމީލް (29އ) އެވެ.
ފުލުހުން ވިދާޅުވީ، ޢަބްދުﷲ ޖަމީލް ހޯދަމުންދަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ، ދަޢުލަތުން ދަޢުވާކުރާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 29 ވަނަ ދުވަހުގެ 12:45 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަމަށެވެ.
ޢަބްދުﷲ ޖަމީލްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން އެ މުއައްސަސާއިން ވަނީ ފާހަގަކުރައްވާފައެވެ.