ދުނިޔޭގެ ވިޔަފާރި

ރަޝިޔާގެ ސެންޓްރަލް ބޭންކުން އިންޓްރޭސްޓް ރޭޓް މަތިކޮށްފި


ރަޝިޔާގެ ސެންޓްރަލް ބެންކުން އިންޓްރެސްޓް ރޭޓް މިއަހަރު ދެވަނަ ފަހަރަށް މަތިކޮށްފިއެވެ.

ހުކުރު ދުވަހު އެބޭންކުން ވަނީ %5 އަށް އިންޓްރެސްޓް ރޭޓް މަތިކޮށްފައެވެ. މިއީ އުންމީދުކުރިވަރަށްވުރެވެސް މާ މަތި ރޭޓެކެވެ. މިހާރުގެ އިންފްލޭޝަން ރޭޓްވެސް އެހާ މަތިވެފައިވާ މި ދަނޑިވަޅުގައި އިންޓްރެސްޓް އަދިވެސް ދާނީ މަތިވަމުން ކަމުގައި ކަމާބެހޭ މާހިރުން ދެކެއެވެ.

މި ނިންމުމަކީ ރޮއިޓާރސްގެ ޕޯލުން ދެއްކި ގޮތާއި ޚިލާފު ނިންމުމެކެވެ. ޕޯލުން ދެއްކި ގޮތުގައި ގިނަ މީހުން ބުރަވީ އެވަރޭޖްކޮށް 25 ބޭސިސް ޕޮއިންޓް އިތުރުކުރާނެ ކަމަށެވެ. މިއީ %2.75 އެވެ.

ސެންޓްރަލް ބޭންކުން މިއަހަރު ދެވަނަ ފަހަރަށް އިންޓްރެސްޓް ރޭޓް މަތިކުރީ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމުގެ ސަބަބުންނެވެ. 2016 ވަނަ އަހަރަށްފަހު މިހާ މައްޗަށް އިންފްލޭޝަން ރޭޓް މިދިޔައީ މިއަހަރުއެވެ. މިހާރުގެ އިންފްލޭޝަން ރޭޓަކީ %5.8 އެވެ. ބޭންކުން ލަފާކުރާގޮތުގައި މި އަހަރު ނިމޭއިރު މި ރޭޓް ހުންނާނީ %4.7 އާއި %5.2 އާއި ދެމެދެވެ.

ބޭންކުގެ އަމާޒުކަމަށްވާ %4 އަށް ވެއްޓޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށްވެސް ލަފާކުރެއެވެ. މީގެ އިތުރުން އިންޓްރެސްޓް އިތުރަށް މަތިކުރަންޖެހޭނަމަ އެކަމާމެދު ކުރިއަށް ހުރި ބައްދަލުވުންތަކުގައި މަޝްވަރާކުރާނެކަމުގައިވެސް ބޭންކުން ބުނެއެވެ. ރަޝިޔާގެ މައިގަނޑު އެކްސްޕޯޓް ކަމުގައިވާ ތެލުގެ އަގު މިދިޔައަހަރު ދަށަށް ދިއުމާ ގުޅިގެން އިންޓްރެސްޓް ރޭޓް ވަނީ %4.25 އަށް ދަށްވެފައެވެ. މީގެ އިތުރުން ކޯވިޑްގެ ބަލިމަޑުކަމާހެދިވެސް ރަޝިޔާގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ރަޝިޔާގެ ފައިސާ ކަމުގައިވާ ރަބަލްގެ އަގުވެސް ވަނީ މިމަހު ވެއްޓިފައެވެ. މިހާރު ޑޮލަރަކަށް ލިބެނީ 74.76 ރަބަލްއެވެ. ސެންޓްރަލް ބޭންކުގެ ފޯކާސްޓްތަކާއި މަނިޓަރީ ޕޮލިސީ އާއި ބެހޭގޮތުން އެ ބޭންކުގެ ގަވަނަރު އޮންލައިން ނިއުސް ކޮންފަރެންސެއްގައި ދެއްވާނެ ކަމަށް ބޭންކުން ބުނެއެވެ.