ޚަބަރު

ކޯވިޑް-19: 23 ރަށަކަށް އަރައިފޭބުން މަނާ


ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 23ރަށަކަށް މިވަގުތު އޮތީ އަރާފޭބުން މަނާކޮށްފައެވެ.

މިއަދުވަނީ އއ.އުކުޅަހާއި ކ.ތުލުސްދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެދެރަށަށް އަރާފޭބުން މަނާކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުން އަންނައިރު މިހާރު އެންމެގިނަ ކޭސްތައް ރިޕޯޓުކުރަމުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުންނެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސްކުރުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިވަގުތު 23 ރަށެއް އޮތީ މޮނީޓަރިންގެ ގެ ޙާލަތުގައެވެ. ވޭތުވެދިޔަ ހަފްތާއިން ފެށިގެން ފާއިތުވި 24 ގަޑިއިރާ ހަމައަށް 800އަށްވުރެ ގިނަ ކޭސްވަނީ އަތޮޅުތަކުން ފެނިފައެވެ.

މާޗްމަހުން ފެށިގެން ބައެއް ރަށްރަށް މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައިވާއިރު ގިނަ ރަށްރަށުގެ ޙާލަތު ގޯސްވެފައިވަނީ މިމަހުގެ ތެރޭގައެވެ.

މިވަގުތު މޮނީޓަރިންގެ ޙާލަތުގައިވާ ރަށްތައް

  • ކ.ދިއްފުށި
  • ކ.ގުޅި.
  • ކ.މާފުށި
  • ކ. ތުލުސްދޫ
  • ކ.ހިންމަފުށި
  • ޅ.ނައިފަރު
  • ޅ.ފެލިވަރު
  • އދ.މާމިގިލި
  • ތ. ވޭމަންޑޫ
  • ތ. ކިނބިދޫ
  • ތ.އޮމަދޫ
  • ތ.ގާދިއްފުށި
  • ތ.މަޑިފުށި
  • ތ.ތިމަރަފުށި
  • އއ.ބޮޑު ފުޅަދޫ
  • އއ.މަތިވެރި
  • އއ. އުކުޅަސް
  • ބ.އޭދަފުށި
  • ހދ.ހަނިމާދޫ
  • ލ.މާންދޫ
  • ލ.ގަން
  • ލ.ފޮނަދޫ
  • ގދ.ތިނަދޫ

އެޗްޕީއޭއިން ރަށްރަށް މޮނީޓަރިންގއަށް ލަނީ ކޯވިޑް-19ގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށާއި އިތުރަށް ބަލި ހުރި މީހުންނާއި މީހުން ދިމާވުން ހުއްޓުވައި ބަލި ކޮންޓްރޯލްކުރުމަށެވެ. ރަށްރަށް މޮނީޓަރިންއަށް ލުމާއެކު އެރަށަކަށް އަރާފޭބުން މަނާކޮށް ޢާއްމުން އެއްވެ އުޅުމާއި ގޭގެއަށް ޒިޔާރަތްކުރުމަކީ މަނާކަމެކެވެ. އެޗްޕީއޭއިން މިހާރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން ބަލީގެ ނުރައްކާ އޮންނަ ރަށްރަށުގައި ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރުކަމެކެވެ.

ކޯވިޑް ކޭސްތައް އިތުރުވަމުން އަންނައިރު މިވަގުތުވެސް ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވެފައިވާ 3700އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. 100 އަށްވުރެ ގިނަމީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.