ޚަބަރު

ކުޑަކުދިންގެ މަލްޓީމީޑިއާ ލައިބްރަރީގެ ޚިދުމަތް އަލުން ފަށައިފި


ކޯވިޑް-19އާ ގުޅިގެން ޤައުމީ ކުތުބުޚާނާއާއި ކުޑަކުދިންގެ މަލްޓީމީޑިއާ ލައިބްރަރީން ދެމުންދާ ޚިދުމަތްތައް މެދުކެޑިފައި އޮތުމަށްފަހު، ޚިދުމަތްތައް އަލުން ފަށައިފިއެވެ.

ޤައުމީ ކުތުބުޚާނާއިން ވިދާޅުވީ އަލުން ޚިދުމަތް ފެށިނަމަވެސް ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ލައިބްރަރީން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. މިހާރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 10:00އިން މެންދުރު 12:00އަށެވެ.

ކޯވިޑް-19ގެ ޙާލަތުގެ ކުރިން، ޤައުމީ ކުތުބުޚާނާއިން ދެމުންދާ ޚިދުމަތްތައް ދިން ދުވަސްތަކާއި ގަޑިތަށް ތަފާތެވެ. އެގޮތުން އޭރު ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް، 09:15 އިން 17:30 އަށް ޚިދުމަތް ދެމުން ދިޔައެވެ. އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބުރަރީ ޚިދުމަތް ހެނދުނު 10:15 އިން 15:30 ދެމެން ދިޔައެވެ.

ނަމަވެސް، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޚިދުމަތް ދެމުންދާ ދުވަސްތައް މަދުކޮށް، ޚިދުމަތް ދޭ ވަގުތަށް ވަނީ ބަދަލެއް ގެނެސްފައެވެ.

ކުތުބުޚާނާއިން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް، އެ މަރުކަޒުން އިލްތިމާސްކޮށްފައި ވެއެވެ.