ޚަބަރު

މަޖިލީހުގެ ޗުއްޓީ ސްކޫލުތަކުގެ ޗުއްޓީއާ ދިމާވާގޮތަށް ބަދަލުގެނެސްފި


ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަކަށް ބަދަލު ގެނައުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ގަވާއިދު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރުމުންނެވެ. އާއްމު ކޮމިޓީން ގެނައި އިސްލާހު ތަޅުމުން ފާސްކޮށްފައިވަނީ 70 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ މިހާރު އޮތްގޮތުން ދިރާސީ އަހަރުގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ލިބޭ ޗުއްޓީ ދިމާވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ މެދުތެރެއަށް ކަމަށްވުމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ މަޖިލީހުގެ ދެވަނަ ދައުރުގެ ހިނގުން މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަދަލުކުރުމަށެވެ. އަދި އެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ގައިވާ މަޖިލީހުގެ ތިންވަނަ ދައުރު އޮގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ހިނގާނެ ގޮތަށް ބަދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މިގޮތަށް މި މާއްދާ އިޞްލާޙުކުރުމުން މަޖިލީހުގެ ދެވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް މަދުވިނަމަވެސް ތިން ވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް އިތުރުވެގެންދާނެކަމަށާއި، އަދި ޖުމްލަކޮށް މުޅި އަހަރު މަސައްކަތްކުރާ ދުވަސްތަކުގެ ޢަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް ވަނީ މަޖިލިސް ގަވާއިދަށް ބަދަލު ގެނެސްފައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޮގަސްޓްމަހު ފަށާ ގޮތަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން ދިރާސާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ އަހަރުގެ ޖުލައި މަހަށެވެ.

މަޖިލީހުން މިގެނައި ބަދަލައާއިއެކު މިއަހަރުގެ ފުރަތަމަ ދައުރަށްފަހު މަޖިލިސް މެމްބަރުންނަށް ޗުއްޓީގެ ގޮތުގައި ލިބޭނީ ވަރަށް ކުރު މުއްދަތެކެވެ. މަޖިލިސްގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ.