ޚަބަރު

މާރންސް ޖަމްއިއްޔާއިން މަތިވެރީ ގެތަކަށާއި، މިސްކިތްތަކަށް މުޞްހަފް ހަދިޔާކޮށްފި


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ގުޅިގެން މަތިވެރީ މާރންސް ޖަމްއިއްޔާގެ ފަރާތުން އެރަށުގެ ހުރިހާ ގެއަކަށް މުޞްހަފް ހަދިޔާ ކޮށްފިއެވެ.

މިއީ ބަރަކާތްތެރި ރަމަޟާން މަހުގައި މާރންސް ޖަމްއިއްޔާއާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން މަތިވެރީގެ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ޤުރުއާން ކިޔެވުމަށް ބާރު އެޅުމަށްޓަކައި ހަދިޔާކުރި މުސްހަފްތަކެއް ކަމަށް މާރންސް ޖަމްއިއްޔާއިން ބުނެފައިވެއެވެ. މަތިވެރީގެ ހުރިހާ ގެއެއްގެ އިތުރުން އެރަށުގެ މިސްކިތްތަކަށްވެސް އެޖަމްއިއްޔާއިންވަނީ މުޞްހަފް ހަދިޔާކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މަތިވެރީގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވުމުން މިއަހަރުގެ ރޯދަމަހު އެޖަމްއިއްޔާއިން ހިންގުމަށް ރޭވި ހަރަކާތްތައް މަޑުޖެހިފައިވާ ކަމަށް މާރނަސް ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. މަތިވެރީގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެ އެރަށް ވަނީ މުޖުތަމައުގެ ބަލީގެ ނުރައްކާ އޮތް ރަށެއްގެ ގޮތުގައި ކަނޑައަޅައި، އަރާފޭބުން މަނާކޮށްފައެވެ.

އއ.މަތިވެތީ މާރންސް ޖަމްއިއްޔާއަކީ އެރަށުގެ ތަރައްޤީއަށާއި، ރަށުގެ އިޖުތިމާއީ ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވާ ޖަމްއިއްޔާއެކެވެ. ރަށުގައިި ހިންގޭ އެކިއެކި މަސައްކަތްތަކުގައާއި، ހިންގޭ އެކި މުބާރާތްތަކާއި، އާންމު ފަރުދުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި މާންސް ޖަމްއިއްޔާއިން ގެންދަނީ ބައިވެރިވަމުންނެވެ.