ޚަބަރު

ކޯވިޑްގައި ރާއްޖެއިން ފުރަތަމަ މަރަށް އަހަރެއް، މިހާރު އެއްވެސް ކަމެއް ނޫން


މީގެ އަހަރެއްހާ ދުވަސްކުރިއެވެ. އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނިޔާވީ ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗަށް ގަނދްިޔަތާ މާގިނައިރުތަކެއް ނުވަނީސްއެވެ. އާމިނަތު އާދަމް ނިޔާވީ ކޯވިޑަށް ޕިޒިޓިވްވި ކަން އެންގި ފަރުވާ ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެއީ 2020 ވަނަ އަހަރުގެ އޭޕްރިލްމަހުގެ އެންމެ ފަހުދުވަހެވެ.

ރާއްޖެއިން ކޯވިޑް ފެނުނުތާ 23 ދުވަސްފަހުން ނިޔާވި އާމިނަތު އާދަމަކީ މި ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ. ގޮތް ނޭގޭ ފަރުވާއެއް ނެތް މިބަލި އޭރު މާލެ ސަރަޙައްދުގައި ފެތުރެމުން އައިރު ތިބި ބިރުވެރިކަމަށް އިތުރު ހާސްކަމެއް ގެނުވީ އާމިނަތު އާދަމްގެ މަރާއެކުގައެވެ.

ރާއްޖޭގައި ކޯވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ މިހާރު މިވަނީ 1 އަހަރާއި މަހަކަށްވުރެ ގިނަދުވަސްވެފައެވެ. އަހަރަކަށްފަހު އަނެއްކާވެސް ރާއްޖޭގައި މިވަނީ މި ބަލީގެ ބިރުވެރިކަން އިތުރަށް ބޮޑުވެ އަންނަނީ ނުރައްކަލުގެ ރަނގަބީލު ޖަހަމުންނެވެ. ރާއްޖޭގައި މިބަލީގައި ފުރަތަމަ މީހަކު ނިޔާވިއިރު އޭރުގެ މިބަލީގެ މީހުންގެ އަދަދު ހުރީ 300 ވުރެ ދަށުގައެވެ.

މިއަދު މިވަނީ މި މަންޒަރު މުޅިން ބަދަލުވެފައެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑު ދުވަސްވަރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ނަމްބަރުތައް މިހާރު އެކައްޗަކަށްވެސް ނުވެއެވެ. އެ އަދަދުތައް ހުރަސްކޮށް މިއަދު މިވަނީ މިބަލީގައި ދުވާލެއްގެ މައްޗަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 400 ވުރެ މައްޗަށް އަރާފައެވެ. ކޮންމެ ދުވަހަކުވެސް މި އަދަދު އެ އަންނަނީ ރިކޯޑް އަދަދަކުން ފައިލްކުރެވެމުންނެވެ. ހަފްތާއެއްގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 1500 ވުރެ މަތީގައެވެ.

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރުމިވަނީ 29،835 އަރާފައެވެ. މި ބަލީގައި އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ މީހުންގެ އަދަދު 73 ވަނީ އަރާފައެވެ. އަދަދުން ބަލާއިރު މީ ރާއްޖެ ފަދަ ކުޑަ، ވަސީލަތް މަދު ޤައުމަކަށް އެއްވެސް ހާލެއްގައި ކުޑަ ނުވަތަ މަދު އަދަދެއް ނޫންނެވެ.

ކޯވިޑަކީ ނުރައްކާތެރި ސީރިއަސް ބައްޔެއްގެ ގޮތުގައި ދިވެހިން ކުރިން ދެކުނު ނަމަވެސް މިހާރު މީ މާބޮޑުކަމަކަށް ދިވެހިންނަށް ނުވާކަން އެކި ހިސާބުތަކަށް ނަޒަރު ހިންގާލުމުން އެގެއެވެ. އެތައް ބަޔަކު އެއްވެ ޖަމާއަތް ހަދައިގެން އެބަޔަކު ބޭނުންކަމެއް ކުރަނީއެވެ. ޕާޓިތަކާއި މަސްދަތުރުތަކާއި ކުޅިވަރު މުބާރާތްތައް ހަމަ އެއްވެސް ތަފާތެއް ނެތި ބާއްވަނީއެވެ. މާސްކް އެޅުމަކީ އަދިވެސް މަޖްބޫރުކަމެއްގެ ގޮތުގައި އޮތް ނަމަވެސް އެކަންވެސް ކުރަނީ އެމީހަކު ހިތައް އެރި މިންވަރަކަށެވެ. މީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫންކަމަށް ޤަބޫލުކުރާ މީހުން ތިބިއިރު މީ ބައްޔެއް ނޫންކަމަށް ގަބޫލުރާ އަދަދު އަދި މާ މައްޗެވެ.

ދުނިޔޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ އަދިވެސް ގިނަ ޤައުމުތައް އޮތީ ފުރަބަންދުގައެވެ. އެންމެ ކައިރި އަވެއްޓެރި ޤައުމަތަކަށް ބަލާއިރު ފެންނަ މަންޒަރު އަދި މާ ބިރުވެރިއެވެ. ހޮސްޕިޓަލުން އެނދެއް ނުލިބި އޮކްސިޖަން ނުލިބި މަގުމަތީގައިވެސް މީހުން މަރުވަނީއެވެ. ފެސިލިޓީސްތަކަށް ނުކަތާ ޑޮކްޓަރުންގެ މަސައްކަތްތަކަށްވެސް ހުއްޓުން އަންނަނީ އެވެ. މީ އިމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ކުރި އަރާފައިވާ ޤައުމުތަކެވެ.

ރާއްޖޭގައިވެސް މި ބަލީގެ ނުރައްކާ ބޮޑުވެ ހާލަތު ގޯސްކަން އެގެނީ މި ނަމްބަރުތަކާއި މި ވާހަކަތަކުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި މިބަލީގައި 24 ގަޑިއިރުގެ ތެރޭގައި މިވަނީ 2 މީހުން ނިޔާވެފައެވެ. ކޮންމެ ދުވަހަކުވެސް އެތައް ރަށަކުން މީހުން މި ބައްޔަށް ޕޮޒިޓިވް މިވަގުތުވެސް 23 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައި އަރާ ފޭބުން މަނާކޮށްފައެވެ. ބައެއް ރަށްތަށް މިހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަދުވަސް މިވަނީ ވެފައެވެ. ވައިރަސް ވަންނަ ކޮންމެ ގެއަކުން އެ އަންނަނީ އައިލާ ހުރިހާ މެމްބަރުންނަށް ބަލި ޖައްސާ މުޅި އާއިލާއެއްކޮށް ހާސްކަމުގެ ތެރެއަށް ވައްޓާލަމުންނެވެ. މާލެއަށް ވުރެ ގިނައިން ބަލި މީހުން ފެންނަނީ ކުދި ކުދި ރަށްތަކުންނެވެ.

މިވަގުތު ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 5000 ގާތްކުރާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 140 ވުރެ މައްޗަށް އަރާފައެވެ. މާލެ ސަރަހައްދުގައި މިދިޔަ މަހު ކޯވިޑް ޕޮޒިޓިވިޓީ ރޭޓް 3 އިންސައްތައިގައި ހުރި ނަމަވެސް މިއަދަދު 10 އިންސައްތައަށް އަރާ، ފްލޫ ކްލިނިކުން ޕޮޒިޓިވިޓީ ރޭޓް 14 އިންސައްތައަށް އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ. އަދި މިއަށްވުރެ ވެސް ބިރުވެރި ވާހަކައަކީ މިއީއެވެ. އަވައްޓެރި އިންޑިއާގައި ފެތުރެމުން އަންނަ މި ބަލީގެ ވޭރިއަންޓް ރާއްޖޭގައިވެސް އުޅެދާނެކަމުގެ ބިރެވެ.

ދިވެހިންގެ ވިސްނުމަކީ މި ބަލީގައި ބަލި ހާލު ބޮޑުވެ ދުނިޔެއާއި ވަކިވެދަނީ ހަމައެކަނި ދުވަސްވީ މީހުން އެކަނިކަމަށެވެ. ނޫނެނެކެވެ. މިބަލި ތަހައްމަލު ކުރި ޒުވާނުންގެ ހާލުވެސް ބޮޑުވެ އައިސީޔޫއަށް ލާން ޖެހުނު ޒުވާނުންގެ އަދަދު މަދެއް ނޫންނެވެ. އަދި އެ ޒުވާނުން ތަޖުރިބާކުރަން ޖެހުނު ބިރުވެރިކަމާއި ނުރައްކާގެ ވާހަކަތައް އެކި ޕްލެޓް ފޯމްތަކުން އެހެރީ ފެންނާށެވެ.

ދެން އޮތީ އަނެއްކާވެސް ބައެއް މީހުން މިހާރު ދެކެމުން އަންނަ ގޮތެއްގެ ވާހަކައެވެ. ވެކްސިން ޖެހުމުން މި ބަލީ ނުޖެހޭނަކަމަށް ދެކި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ދޫކޮށްލާ ވާހަކައެވެ. އެހެންނަމަވެސް ސިއްހީ މާހިރުންގެ ވާހަކަތައް އަޑު އަހާށެވެ. ވެކްސިން ޖެހި ނަމަވެސް ވެކްސިނަަށް ނުގުޑާ ބައެއް ވޭރިއަންޓްތައް އަށަގަތުމުގެ ފުރުސަތު އެބައޮތްކަމަށް ޑޮކްޓަރުން ތަކުރާރުކޮށް އެ އަންނަނީ ބުނަމުންނެވެ. ވެކްސިން ޖެހި ނަމަވެސް މާސްކު އެއްލާލާ ހިތު ހުރިގޮތަކަށް ނޫޅެން ޑޮކްޓަރުން އެ ބުނަނީ އެމީހުންނަށް ލިބިފައިވާ މައުލޫމާތައި ބަލީގެ ކަންކަމަށް ދިރާސާކުރުމަށްފަހުއެވެ.

ބަލީގެ ހާލަތު ބޮޑުވެ ދުނިޔޭގެ އެހެން ޤައުމުތައް ހެން އަނެއްކާވެސް އަޅުގަޑުމެން ދެވަނަ ފަހަރަށް ފުރަބަންދަކަށް ދާންވީ ހެއްޔެވެ. ޔަޤީނުންވެސް އެއްވެސް ދިވެއްސަކު މި ގޮތެއް ބޭނުމެއް ނުވާނެއެވެ. އަހަރަކަށް ދުނިޔެ ބަންދުވެ ތިން މަހަށް ރާއްޖޭގެ ބަންދުވުމުން ލިބުނު ގެއްލުންތަކުން އަދިވެސް މި އުޅެނީ ރަނގަޅަށް އަރައި ނުގެނެވިއެވެ. ވަޒީފާ ގެއްލުނު އެންމެނަށް އަދިވެސް ވަޒީފާ ނުލިބެއެވެ. އިގްތިސާދު ވެއްޓުނު އަނދަ ވަޅުގަނޑަށް އަނެއްކާވެސް އެއަށް ވުރެ ފުނަށް ވެއްޓެންވީ ހެއްޔެވެ.

އާއެކެވެ. މީ އާދައިގެ ވާހަކައެއް ނޫނެވެ. އަވައްޓެރި އިންޑިއާއިން ފެންނަ މަންޒަރަށް ބަލާލާ މިކަމާއި ވިސްނާލާށެވެ. މާތް ﷲ އާއި ވަކީލުކޮށް ހުރިހާކަމެއް ދޫކޮށްލައިގެން އެ މީހަކަށް އެޅެން ހުރި ފިޔަވަޅުތައް ނާޅާ ހުރުމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން ބުނެދޭ ގޮތެއްވެސް ނޫނެވެ. މާސްކު އަޅާށެވެ. އެއްވުންތައް ނުބާއްވާށެވެ. ކަމެއް ނެތި ބޭރުގައި ނޫޅޭށެވެ. ހެދިފައިވާ އުސޫލަތަކަށް ފުރިހަމައަށް ތަބާވަށެވެ. މީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ރައްކާތެރިކަމަށް އެކަނި ދައްކާ ވާހަކައެއް ނޫނެވެ. މުޅި މުޖްމަތައާއި އެންމެހާއި ދިވެހިންގެ ދެކެ ލޯބިވާތީ އާދޭހާއި އެކު ބުނާ ވާހަކައެކެވެ.

މި ވާހަކަތައް ޤަބޫލު ނުކުރެވޭނެމަ މި ބަލި ޖެހުނު އައިލާއެއްގެ ގާތު ނުވަތަ މިބަލީގައި ލޯބިވާ މަންމަ ނުވަތަ ބައްޕަ ގެއްލިގެން ދިޔަ ދަރިއެއްގެ އިހްސާސްތައް އަހާލަ ބަލާށެވެ. މީ ތަޖުރިބާކޮށްލަންވެސް ރަނގަޅުކަމެއް ނޫނެނެވެ. އެއަށްވުރެ ނުރައްކާ ބޮޑެވެ. އާދައިގެކަމެއް ނޫނެވެ.