މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ޢާމްދަނީ %15އަށް އިތުރުވެއްޖެއެވެ.
އެސްޓީއޯއިން ޢާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުއާޓަރގައި އެސްޓީއޯއަަށްވަނީ 2.2 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައެވެ.
އެސްޓީއޯއިން ވިދާޅުވީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ މިންވަރު އޭގެ ކުރީއަހަރާ އަޅައިބަލާއިރު %21 އިތުރުވެފައިވުމެވެ. އެކުންފުންޏަށް ލިބުނު ޢާމްދަނީ އިތުރުވެފައި ވީނަމަވެސް ކުންފުންޏަށް ލިބުނު ޖުމުލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާ އަޅައިބަލާއިރު 10 މިލިއަން ރުފިޔާ ދަށްވެފައެވެ. މިއީ %3ގެ ދަށްވުމެކެވެ. ޖުމުލަ ފައިދާ ދަށްވެފައިވަނީ މުދާ ވިއްކުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރަން ޖެހުނު ހޭދަ ބޮޑުވުމުން ކަމަށް މާލީ ރިޕޯޓުގައިވެއެވެ.
އެސްޓީއޯގެ ހިންގުމުގެ ޚަރަދު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް %10 ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނި ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެޅާފައިވާ ފިޔަވަޅުތަކާއި ބޭޑް ޑެޓްސް ޕްރޮވިޝަން ދަށްވެފައިވުމުން ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 130 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު %12ގެ އިތިރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، ހިންގުމުގެ ޚަރަދު ކުޑަކޮށްފައިވުމެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓަރގެ ސާފު ފައިދާއަކީ 109 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅައިބަަލާއިރު 18 މިލިއަން ރުފިޔާގެ ކުރިއެރުމެވެކެވެ.
އެސްޓީއޯއިން ވިދާޅުވީ އެކުންފުނިން އަބަދުވެސް އެންމެ އިސްކަމެއްދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނަތިި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބޮޑު އިސްކަމެއް ދީފައިވަނީ ރަމަޟާން މަަހުގައި ރައްޔިތުންނަށް ބޭނުންވާނެ ތަކެތި އެތެރެކޮށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.