ރިޕޯޓް

އަހަރަކަށްވުރެ އަހަރެއް ކުރިޔަށް، ފާޑުކިޔުމާއި ރިޕޯޓްކުރުމަށް ހުރަހެއްނެތް


މުޖުތަމަޢުގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ނޫސްވެރިންނާއި ޚަބަރު ފަތުރާ ފަރާތްތަކުން އަދާކުރަމުން އެދަނީ މުހިއްމު ދައުރެކެވެ.

މުޖްތަމަޢުގެ ފަރުދުންގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކުރުމާއި ހޭލުންތެރި ކުރުމާއި ތަހުޒީބީ މުޖްތަމަޢެއް ބިނާކުރުމުގައި ނޫސްވެރިން އަދާކުރާ މުހިއްމު ދައުރު، އަޅުގަނޑުމެން ހަނދާން ނައްތާލައިގެންނުވާނެއެވެ. ޤައުމު އިސްލާޙް ކުރުމާއި ޒިންމާ ދާރުކުރުވުމުގައި އެފަރާތްތަކުން އަދާކުރަމުންދާ ރޯލަށް އަޅުގަނޑުމެން ހިތްވަރު ދޭންޖެހެއެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮރެސީގެ ހަތަރު ވަނަ ބާރުކަމުގައި ފާހަގަކުރަމުންދަނީ މިހެންވެގެންނެވެ.

ދިވެހިރާއްޖެއަކީވެސް އިންސާނީ ވަޞީލަތާއި ޓެކްނޮލޮޖީގެ ތަނަވަސްކަން ހުރި މިންވަރުން ފުޅާ ދާއިރާއެއްގައި ނޫސްވެރިކަން ކުރަމުން އަންނަ ޤައުމެކެވެ. ތާރީޚުން އެނގޭގޮތުގައި ރާއްޖޭގައި ނޫސްވެރިކަން ފެށިފައި ވަނީ 1943 ވަނަ އަހަރުގެ ޖޫންމަހުގެ ފަހެއްގައި "ސަރުކާރު ޚަބަރު"ގެ ނަމުގައި ނޫސް ނެރުއްވަން ފެއްޓެވުމުންނެވެ. މި ނޫހަކީ އޭރު ދުނިޔޭގައި ހިނގަމުންދިޔަ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ޚަބަރުތައް ޢާންމުންނާ ހަމައަށް ގެނެސްދެއްވުމަށާއި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަންގަވަން ބޭނުންވާ ކަންކަން އަންގަވައިދެއްވުމަށް ނެރުއްވަން ފެއްޓެވި ނޫހެކެވެ. ކޮންމެ މަހަކު އެއްފަހަރު ނޫސް މަޖައްލާއެއްގެ ގޮތުގައި ނެރެމުންގޮސް، ސަރުކާރު ޚަބަރު ނެރުން ހުއްޓަވާލެއްވި އިރު އެނޫހުގެ 197 އަދަދު ނެރުއްވާފައި ވެއެވެ.

މިހާރު ޒަމާން ބަދަލުވެ، ޓެކްނޮލޮޖީގެ ފަހިކަމާއެކު އޮންލައިން ނޫސްތަކާއި ތަފާތު އެހެން ޕްލެޓްފޯމްތަކުގެ ތެރެއިން ނޫސްވެރިކަމުގެ މަސައްކަތް ރާއްޖޭގައިވެސް މިވަނީ ވަރަށް ފުޅާވެފައެވެ. މިއީ ޒުވާން ނޫސްވެރިން މި ދާއިރާއަށް ތަޢާރަފުވުމަށްވެސް ހުޅުވިގެންދިޔަ އިތުރު ދޮރުތަކެކެވެ. ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވެއެވެ. އަދި ރާއްޖެއަކީ ވަރަށް މިނިވަންކަމާއެކު، ނޫސްވެރިކަން ކުރަމުން އަންނަ ޤައުމެކެވެ. ހޯމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކި ނަންނަމުގައި ރާއްޖޭގައި ރަޖިސްޓަރކޮށްގެން 200 އަށްވުރެ ގިނަ ނޫހާއި މަޖައްލާ އަންނަނީ ނެރެމުންނެވެ.

މިއަދު ދުނިޔެ މިވަނީ ފުޅާދާއިރާއެއްގައި ހުޅުވާލެވިފައެވެ. ޚަބަރާއި މަޢުލޫމާތު ފޯރުވުމުގައި ހުރަހެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ތާޒާ ޚަބަރާއި މަޢުލޫމާތު މީސް މީޑިއާއާއި ޚަބަރުފަތުރާ ތަފާތު ވަޞީލަތްތަކުގެ ޒަރިއްޔާއިން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނާ ހަމައަށް ފޯރައެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ކުރިއަރާ ދިއުމުގެ ރޫޙެއް ވަނީ އަށަގެންފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ހައެއްކަށް އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައިވެސް ތަފާތު ތަޖުރިބާތަކެއް ކުރަންޖެހުނު އަހަރުތަކެކެވެ. ނޫސްވެރިން ތިބީ ކަންބޮޑުވުމާއި ނަމާންކަމާއި ހާސްކަމުގެ ތެރޭގައެވެ. ލިޔެލާ އެއްޗަކުން ނުވަތަ ފާޅުކުރާ ޝުއޫރަކުން ޖެހިގެން އަންނަ ދުވަހު ކުރިމަތިލާންޖެހިދާނެކަމަކާއި ވިސްނަންށެވެ.

ހުރިހާ ނޫސްވެރިންވެސް ބުނަމުން ދިޔައީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ނެތް ވާހަކައެވެެ. ރާއްޖޭގައި ނޫސްވެރިންނަށް އޮތީ ބިރުވެރި ނުރައްކާތެރި މާހައުލެއްކަމަށެވެ. ސަރުކާރާއި ދެކޮޅަށް ހަބަރު ގެނެސްދޭ ޓިވީ ސްޓޭޝަނެއްގައި ރޯކޮށްލުމާއި ހަމައަށްވެސް ދިޔައެވެ. އެއާއި އެކު ނޫސްވެރިން މަރާ ހަނގުރާމަކުރަން ޖެހުނު ހިސާބަށް ކަންތައް ދިޔަކަން މީ ފެންނަ އޮތް ތާރީހެވެ.

މި ބިރުވެރިކަން އިންތިހާއަށް ބޮޑެވެގެންދިޔައީ ވީ ނުވީއެއް ނޭނގި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުނު ހިސާބުންނެވެ. ހަމައެއާއެކު މަޝްހޫރު ބްލޮގަރ ޔަމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލި ހާދިސާއާއެކު މި ނާމާންކަން އަނެއްކާވެސް އިތުރުވެގެންދިޔައެވެ.

ވަކިން ޚާއްސަކޮށް ކުރީގެ ސަރުކާރުގައި އެކުލަވާލި އަބުރު ރައްކާތެރިކުރުުގެ ޤާނޫނާއެކު ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔައެވެ. ސަރުކާރުގެ ކަމަކާއި ގުޅޭގޮތުން ނުވަތަ ދައުލަތުގެ ވެރިޔަކާއި ގުޅޭ ގޮތުން ހަބަރެއް ލިޔުނު ކޮންމެ ނޫސްވެރިޔަކާއި މި ޤާނޫނާއި ކުރިމަތިލާން ޖެހުނެވެ. ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލައެއް ނުވަތަ އިސްވެރިއެއްގެވެސް މި ފަދަ ވާހަކައެއް އާއްމުންނާއި ހަމައަށް ގެންދީފިނަމަ އެއީ އަބުރު ކަތިލުންކަމަށްވެ ބައެއް ނޫސްވެރިންނާއި ބައެއް ސްޓޭޝަންތައް މިލިއަނުން ޖޫރިމަނާއާއި ކުރިމަތިލާން ޖެހުނެވެ.

މި ޤާނޫނުގައި ހުރި ކަންތައްތަކާމެދު ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް މަގުމައްޗަށް ނުކުމެ މިނިވަންކަމަށް އެދި އާދޭސްކޮށް މުޒާހަރާވެސް ކުރިއެވެ. އެހެންނަމަވެސް އެކަން ސަރުކާރުން އަޑު އެހުމުގެ ބަދަލުގައި ޖަވާބު ދިނީ ފެނާއި ޕެޕެރަ ސްޕްރޭއިންނެވެ.

ނޫސްވެރިންނަށް ދައުވާ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިގެން ދިޔަ ހުރަހުގެ ނަތީޖާއަކަށްވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދުވަހަކުވެސް ރާއްޖެ ނުވެއްޓެހާ ދަށަށް ވެއްޓިގެން ދިއުމެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ އެއް ވައުދު ފުޅަކަށްވީ ނޫސްވެރިންނަށް ހުރި މި ގޮންޖެހުންތައް ނައްތާލާނެކަމުގެ ވައުދުފުޅެވެ. އަދި ވެރިކަމަށް ވަަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ އެ ޤާނުނަކުން ނޫސްވެރިން ބަނދެވެމުން ދިޔަ އަބުރުގެ ޤާނޫނު އުވާލާ މިނިވަންކަމުގެ ނޭވާއެއްލުމުގެ ފުރުސަތު ދިވެހި ނޫސްވެރިނަށް ހޯދާދެއްވުމެވެ.

ނޫސްވެރިންނަށް ލިބުނު ފުރިހަމަ މިނިވަންކަން މިއަދި ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކާއި އޮންލައިންތައް ބަލާލުމުން ފެންނަ އެބައޮތެވެ. ނޫސްވެރިން އެމީހުންނަށް ފެންނަ ކޮންމެ ކަމެއް ރިޕޯޓްކުރަނީއެވެ. ސަރުކާރަށް ފާޑުކިޔުންކަމުގައި ވިޔަސް ނުވަތަ ސަރުކާރުގެ ތެރޭގައި ހުރި މައްސަލައެއް އާއްމުނަނަށް ތިލަކޮށް އެވާހަކަތައް ވެސް ދައްކަނީއެވެ. ނޫސްވެރިން މި ގޮތަށް ތިލަކުރާ ވާހަކަތަކުން ނޫސްވެރިޔާ ހައްޔަރުކުރުމުގެ ބަދަލުގައި މިއަދު ސަރުކާރުގެ އަމާޒަކީ އެ މައްސަލައެއް ބަލާ ފިޔަވަޅު އަޅަންޖެހޭ މީހުންނާއި މެދު ފިޔަވަޅުއެޅުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަމާ ޙަވާލުވެވަޑައިގެން އެޅުއްވި ފިޔަވަޅުތަކާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް އަނެއްކާވެސް 7 ދަރަޖައިގެ ކުރިޔަށް ޖެހިލިއެވެ. ބައިނަލްޤަގްވާމީ މައިދާނުގައިވެސް ރާއްޖެ ބަލައިގަތީ ދާދީ އަވަހަށެވެ. އަދި މިއީ މި ސަރުކާރު ވެރިކަމާ ޙަވާލުވީ ފަހުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން ލިބުނު 3 ވަނަ ފަހަރެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން އެކުލަވާލި މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓުގައި ޖުމްލަ 180 ޤައުމުގެ މައުލޫމާތު ހިމަނާފައިވާއިރު، މި ލިސްޓުގައި މިހާރު ރާއްޖެ ހިމެނެނީ 72 ވަނައިގައެވެ. 2018 ވަނަ އަހަރު ރާއްޖެ އޮތީ މި ލިސްޓުގެ 120 ވަނައިގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން 22 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެ ހޯދައި 2019 ވަނަ އަހަރު ރާއްޖެ އޮތީ މި ލިސްޓުގެ 98 ވަނައިގައެވެ. މީގެއިތުރުން ނިމިގެންދިޔަ އަހަރުގައި ރާއްޖެ އޮތީ 19 ދަރަޖައިގެ ކުރިއެރުމަކާއެކު 79 ވަނައިގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ބައިނަލް އަޤްވާމީ ފެންވަރުގައި ވަކާލާތުކުރާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވާ ގޮތުން 2013 ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގެ 103 ވަނައިގައި ރާއްޖެ އޮތުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި 17 ދަރަޖަ ފަހަތަށްގޮސް، ޕްރެސް ފްރީޑަމް ލިސްޓުގެ 120 ވަނައަށް ރާއްޖެ ވެއްޓިފައިވެއެވެ. އަދި އަބުރުގެ ޤާނޫނުގެ ދަށުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ކުރީގެ ސަރުކާރުން އެތައް މިލިޔަނަކުން މީޑިއާތައް ޖޫރިމަނާކޮށްފައިވާކަން ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވެއެވެ.

އެފަރާތުން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އައު އުންމީދުތަކެއް އައިސްފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫސްވެރިކަމުގެ މިިނިވަންކަމަށް މުހިންމު ވަޢުދުތަކެއް ވެވަޑައިގެން އެކަންކަން ތަންފީޒުކުރައްވާތީ ކަމަށެވެ.

އަދިވެސް މަދުން ނަމަވެސް ނޫސްވެރިނަށް އެމީހުންގެ ޒިންމާއަދާކުރުމަށް ހުރަސްއެޅޭ ވާހަކަ އަޑުއިވެއެވެ. އެހެންނަމަވެސް މި ފަދަ ހުރަސްތައް ކުރިމަތިވާ ކޮންމެ ފަހަރަކު ސަރުކާރުން އަންނަނީ އެކަމަށް ފިޔަވަޅު އަޅުއްވަމުންނެވެ.