ދުނިޔޭގެ ވިޔަފާރި

ކޯވިޑް ބަލިމަޑުކަމަށްފަހު ވިޔަފާރި ދަށްވެދާނެ ކަމުގެ ބިރު ނެކްސްޓަށް


ފުރަތަމަ ކުއާޓަރުގައި ލަފާކުރިވަރަށްވުރެ ބޮޑު ފައިދާއެއް ހޯދާފައިވާ އިނގިރޭސިވިލާތުގެ ފެޝަން ރީޓެއިލް ބްރޭންޑް ކަމަށްވާ ނެކްސްޓްގެ ވިޔަފާރި ކޯވިޑް ބަލިމަޑުކަމަށްފަހު ދަށްވެދާނެކަމުގައި އެކުންފުނިން ބުނެފިއެވެ.

500 އަށްވުރެ ގިނަ ފިހާރައާއި އޮންލައިން ވިޔަފާރިވެސްކުރާ ނެކްސްޓްގެ މެއި މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ވޭތުވެދިޔަ 13 ހަފްތާގެ ވިޔަފާރި ވަނީ 1.5 އިންސައްތައަށް ދަށްވެފައެވެ.

ކުންފުނިން މީގެކުރިން ނެރެފައިވާ ޕްރޮފިޓް ގައިޑެންސްގައި ލަފާކޮށްފައިވަނީ 10 އިންސައްތައިގެ ދަށްވުމެއް މިދިޔައަހަރާއި މިއަހަރު އަންނާނެކަމަށެވެ. ނަމަވެސް މިއާ ޚިލާފަށް ކުންފުނިން ވަނީ 104 މިލިއަން ޑޮލަރުގެ ފައިދާއެއް އެމުއްދަތުގައި ހޯދާފައެވެ.

ތިންމަހުގެ ދިގު ފުރަބަންދަކަށްފަހު އޭޕްރީލްމަހު ފިހާރަތައް ހުޅުވުމާއި ގުޅިގެން ކޮންމެވެސް ވަރަކަށް ސޭލްސް ވަނީ ރަނގަޅުވެފައެވެ. ކޮންމެ ފުރަބަންދަކަށްފަހު ޖެހިންގެން އަންނަ ހަފްތާތަކުގެ ތެރޭގައި ޑިމާންޑް އަބަދުވެސް އަންނަނީ ދަށްވަމުންކަމަށް ކުންފުނީގެ ސީއީއޯ ވަނީ ބުނެފައެވެ. މިހާރު މިފެންނަ ޑިމާންޑަކީ ވަގުތުކޮޅަކަށް އޮންނަ ޑިމާންޑަކަށްވާތީ މިއީ ސޭލްސް އެންމެ ރަނގަޅަށް އަންގައިދޭނެ ޑިމާންޑެއްކަމަށް ޤަބޫލުނުކުރާކަމަށްވެސް ސީއީއޯ ވަނީ ބުނެފައެވެ.

މީގެސަބަބުން ނެކްސްޓުން ވަނީ ސޭލްސް ގައިޑެންސް އިތުރުނުކޮށް ތިނެއް އިންސައްތައިގައި ބަހައްޓާފައެވެ. ނަމަވެސް މިއަހަރާއި މިއަންނަ އަހަރަށް ކުންފުނީގެ ސެންޓަރަލް ގައިޑެންސް ވަނީ އޭޕްރީލްމަހު ލަފާކުރި 700 މިލިއަނުން 720 މިލިއަން ޕައުންޑަށް ފައިދާ އިތުރުކޮށްފައެވެ.

ކުންފުނީގެ އޮންލައިން އޮޕަރޭޝަން މެދުވެރިކޮށް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ނެކްސްޓުން ވަނީ ފައިދާ ހޯދޭނެކަން ދައްކާފައެވެ. ނެކްސްޓްގެ ބައެއް ވާދަވެރި ވިޔަފާރިތައްކަމަށްވާ ޕްރިމާކްގެ ސޭލްސް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އަދި ޓޮޕް ޝޮޕާއި ޑެބެންހަމްސް ފަދަ ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ދެއަހަރު ކުރިން ނެކްސްޓް ފިހާރަތަކުގެ ފުރަތަމަ ކުއާޓަރުގެ ސޭލްސް 76 އިންސައްތައަށް ދަށަށް ގޮސްފައިވީނަމަވެސް އެމީހުންގެ އޮންލައިން ސޭލްސް 65 އިންސައްތައަށް އިތުރުވެފައިވާކަމަށް ނެކްސްޓުން ބުނެއެވެ.

ނެކްސްޓްގެ ސީއީއޯ ބުނިގޮތުގައި ބޮޑެތި މީހުންގެ އަންނައުނުގެ ސޭލްސް ވަރަށް ރަގަޅުވެފައިވާއިރު ހޫނު މޫސުމުގައިލާ ހެދުންތަކުގެ ސޭލްސް ވަނީ ދަށްވެފައެވެ.