ޖަރުމަނުވިލާތުގެ ކާރުއުފައްދާ ކުންފުނި ބީއެމްޑަބްލިޔުއަށް މިއަހަރުގެ މިހާތަނަށް ފައިދާވަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.
ބީއެމްޑަބްލިޔުއަށް ފައިދާވިނަމަވެސް ރޯ-މެޓީރިއަލް އަގުބޮޑުވުމުގެ ސަބަބުން އަހަރުގެ ދެން ބާކީބައިގައި މާބޮޑު ފައިދާއެއްވުން އެކަށީގެންނުވާކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނީގެ އިލެކްޓްރި ވެހިކަލްތަކުގެ ފައިދާ ވަނީ ދެގުނައަށްވުރެ ބޮޑުވެފައެވެ. ބީއެމްއެލްއަށް މިއަހަރު ފައިދާވަމުން އަންނައިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައިވެސް އެކުންފުންޏަށް ލަފާކުރި ގޮތާއި ހިލާފަށް ފައިދާވެފައެވެ.
އެކުންފުނީގެ ރަނގަޅު މާކެޓެއްކަމަށްވާ ޗައިނާއިން ލިބުނު ފައިދާ މިދިޔައަހަރާއި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ވަނީ ދެގުނަވެފައެވެ. ބީއެމްޑަބްލިޔުގެ ސީއީއޯ ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރޭގައިވެސް ކުންފުނީގެ ބިޒްނަސް މޮޑެލްއަކީ ކާމިޔާބު މޮޑެލްއެއްކަން ފުރަތަމަ ކުއާޓަރުގެ ހިސާބުތަކުންވެސް ދައްކާކަމަށާއި މި ކާމިޔާބު ދަމަހައްޓަން މަސައްކަތްކުރަންޖެހޭކަމަށެވެ.
ބީއެމްޑަބްލިޔުއިން ބުނި ގޮތުގައި އިލެކްޓްރިކް ވެހިކަލްތަކުގެ އިތުރުން ކުއްޔަށްދޫކުރާ ވެހިކަލްތަކުގެ ވިޔަފާރިވެސް ވަނީ ފުރަތަމަ ކުއާޓަރުގެ ރަނގަޅުވެފައެވެ. ޚާއްޞަކޮށް އެމެރިކާގައި މި ވިޔަފާރި ރަނގަޅުވެފައިވާކަމުގައި ކުންފުނިން ބުނެއެވެ.