ބޮޑު ފައިދާއަކަށް މިދިޔަ އަހަރު އުންމީދުކުރި ޖަޕާން އެއަރލައިންސްއަށް ގާތްގަނޑަކަށް 2.6 މިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެއެވެ.
ކޯވިޑްގެ ބަލިމަޑުކަމާހެދި ދެން އަންނާނެ ބަދަލެއް ނޭގޭތީ އެއަރލައިނުން އަދި މިއަހަރުގެ ފޯކާސްޓް އާންމެއް ނުކުރެއެވެ.
ޖަޕާންގެ ދެވަނައަށް އެންމެ ބޮޑު މާކެޓް ޝެއަރ އޮންނަ އެއަރލައިންކަމަށްވާ ޖަޕާން އެއަރލައިނަށް ވަނީ މިއަހަރު 286.7 ބިލިއަން ޔެންގެ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ. މިއީ 2012 ވަނަ އަހަރު ޓޯކިޔޯ ސްޓޮކް އެކްސްޗޭންޖުގައި އެ އައަރލައިން ލިސްޓްކުރިފަހުން މުޅި އަހަރަށް ލިބުނު ފުރަތަމަ ގެއްލުމެވެ.
ޖަޕާން އެއަރލައިންސް އިން ބުނިގޮތުގައި މި އަހަރަކީ އެމީހުންނަށް އުދަގޫ އަހަރެއްކަމަށާއި ކޯވިޑްގެ ބަލިމަޑުކަމާހެދި ބައިނަލްއަޤުވާމީ ދަތުރުތައް ކުރުމަށް އިމިގްރޭޝަނުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުކުރާ މީހުން އަދިވެސް އިތުރުނުވާކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަން ނިމުމުގެ އެއްވެސް ކޮޅުމައްޗެއް އަދި ފެނިފައިނުވާތީ، ޑިމާންޑްތައް ރަނގަޅުވެ ކުރިއަރައިގެން ދާނެކަމުގެ ލަފައެއް ކުރަން އަދި ނޭގޭކަމުގައި ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން 2022 ވަނަ އަހަރުގެ މާރިޗާހަމައަށް ލަފާކުރާ އައުޓްލުކް އަދި ޢާންމުނުކުރުމަށް ކުންފުނިން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ކުންފުންޏަށް ވިޔަފާރިވެފައި ވަނީ 481.2 ބިލިއަން ޔެންއެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ވަނީ 65.3 އިންސައްތަގެ ދަށްވުމެއް ވިޔަފާރިއަށް އައިސްފައެވެ.
ޖަޕާންގެ އެންމެ ކުރީގައި އުޅޭ އެއަރލައިނެއްކަމަށްވާ އޭންއޭއިން މިދިޔަމަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އައަރލައިނަށް ވަނީ 404.6 ބިލިއަން ޔެންގެ ބޮޑު ގެއްލުމެއް ލިބިފައެވެ.
މިދިޔަ އަހަރު ޖަޕާންގައި ޓޯކިޔޯ އޮލިމްޕިކްސް ފެށުމަށް މީގެ ކުރިން ހަމަޖެހިފައިވާތީ ޖަޕާން އެއަލައިންސްއިން އުންމީދުކޮށްގެން ތިބީ ގިނަ ފަތުރުވެރިން ޤައުމަށް ޒިޔާރަތްކޮށް ވިޔަފާރި ރަގަޅުވާނެކަމުގައެވެ. ނަމަވެސް މި އިވެންޓް މިހާރުވަނީ ޖުލައި މަހަށް ލަސްކޮށްފައެވެ.